އެމްއެންޑީއެފް

މާލެ ސަރަހައްދުގައި ސިފައިންގެ ތަމްރީންތަކެއް ކުރިއަށްދަނީ

މާލެ ސަރަހައްދުގައި ސިފައިންގެ އަސްކަރީ ތަމްރީންތަކެއް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އިއްޔެ ފެށި މި ތަމްރީންތައް އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ތަމްރީންތައް ކުރިއަށް ގެންދަނީ މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާނެ އެވެ. މީގެ އިތުރު ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ބްލޭންކް ވަޒަން ބޭނުންކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

މިތަމްރީންތަކަކީ ކޮން ކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީންތަކެއް ކަމެއް އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.