ލައިފްސްޓައިލް

ދުނިޔޭގެ އެންމެ ދިގު މީހާގެ ރެކޯޑް މި މީހާއަށް މުގުރާލެވިދާނެތަ؟

ދުނިޔޭގެ އެންމެ ދިގު މީހާގެ ރެކޯޑް މިހާރު އޮތީ ތުރުކީގެ 40 އަހަރުގެ މީހެއް ކަމަށްވާ ސުލްތާން ކޫސެން އަތުގަ އެވެ. ގިނިސް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން އެންމެ ދިގު ފިރިހެނަކީ ސުލްތާން އެވެ. ނަމަވެސް ސުލްތާނަށް ވުރެ ދިގު 9 ފޫޓު 6 އިންޗި ހުރި މީހަކު ގާނާގައި އެބަހުރި ކަމަށް އެ ގައުމުގެ ކްލިނިކަކުން މިން އަޅައިގެން ދެއްކި އެވެ.

ބީބީސީގެ ރިޕޯޓަރަކަށް ގާނާގެ މި މީހާގެ ވާހަކަ އިވިގެން އޭނާ ގޮސް އެމީހާއަށް ބައްދަލުކޮށް މިން އަޅާފައި ވެއެވެ.

ގާނާގެ އިރުމަތީގައި ދިރިއުޅޭ 29 އަހަރުގެ ސުލައިމާނާ އަބްދުއްސަމަދުގެ ޗެކްއަޕް ހެދުމަށް އެންމެ ފަހުން މިންއެޅިއިރު އޭނާގެ އިސްކޮޅުގައި ނުވަ ފޫޓު ހަ އިންޗި ހުރިކަމަށް އޭނާގެ މިން އެޅި ކްލިނިކުގެ ރެކޯޑްތަކުން ދައްކަ އެވެ. ނަމަވެސް ފުރަތަމަ އޭނާގެ ދިގުމިން ބެލި ރަށްފުށުގެ ހިސާބުގައި ހުރި ކްލިނިކްގައި އެކަށީގެންވާ ގޮތަށް މިން އަޅާނެ ސާމާނެއް ނެތެވެ. އެހެންވީމާ މި މިނަކީ އަސްލު އޭނާގެ އިސްކޮޅަށް ނުވެވެސް ހިނގައިދާނެ ކަމަށް އޭރު ބެލެވުނެވެ.

ސުލައިމާނާ އަކީ ޖައިގޭންޓިޒަމް (ޖަޔަންޓް ބަލި) ޖެހިފައިވާ މީހެކެވެ. އޭނާ މި ބަލީގައި އުޅޭތާ އެތައް އަހަރެއް ވެފައިވާއިރު ވަރަށް ފަހުން ގާނާގެ ކްލިނިކަށް އޭނާ ދެއްކީ އިސްކޮޅުން ދިގުވެފައި ބިޔަކަމުން ހަށިގަނޑަށް ވަމުންދިޔަ އުނދަގޫތަކެއްގެ ސަބަބުންނެވެ. އެ ކްލިނިކުން އޭނާގެ އިސްކޮޅު ބަލަން ބޭނުންކުރީ އިސްކޮޅު ބަލަން ބޭނުންކުރާ ރޮޑެކެވެ.

އޭނާގެ މިން އެޅި ނަރުސް އެ ރޮޑް ކައިރީގައި އޭނާ ބަހައްޓާފައި ބަލާލިއިރު ރޮޑަށް ވުރެ އޭނާ ދިގެވެ. އެހެންވެ އޭނާގެ އިސްކޮޅުގައި ހުރި ވަރު ކްލިނިކަކަށް ނޭނގުނެވެ.

ސުލައިމާނާ ދިރިއުޅޭ ހިސާބުގަނޑު މީހުން އޭނާ ދަންނަނީ "އަވޫޗޭ"ގެ ނަމުންނެވެ. އެ ރަށު ބަހުން އަވޫޗޭގެ މާނައަކީ "ލެޓްސް ގޯ" ނުވަތަ "ހިނގާށޭ ދާން" އެވެ. އޭނާ ފެނުމުން ކޮންމެ މީހަކަށް ވެސް ވަނީ މަޖާ ކަމަކަށެވެ.

ކްލިނިކުގައި ސުލައިމާނާގެ އިސްކޮޅު ބެލި ނަރުހަށް އެކަން ނުވެގެން އޭނާ އެހެން ސްޓާފުންނަށް ގުޅައިގެން އެހީތެރިކަމަށް އެދުނެވެ. އަދި ވަރަށް ގިނަ ނަރުހުންނާއި ސިއްހީ އެހީތެރިންގެ ގްރޫޕަކުން މި މީހާގެ އިސްކޮޅު ބެލޭނެ ގޮތެއް ހޯދަން މަސައްކަތް ފެށި އެވެ.
އެތަނުން އެކަކު ބުނީ އިސްކޮޅު ބަލަން މިހާރު ހުރި ރޮޑްގައި އިތުރު ބައެއް ގުޅައިގެން އޭގައި މިން ޖަހައިގެން އިސްކޮޅު ބެލުމަށެވެ. މި މީހުން ސުލައިމާނާގެ އިސްކޮޅު އަންދާޒާ ކުރީ އެގޮތަށެވެ.

ބީބީސީގެ ނޫސްވެރިޔާ ގާނާއަށް ގޮސް އުޅެނިކޮށް އަވޫޗޭގެ ވާޙަކަ އަޑުއިވިގެން އޭނާއާ ބައްދަލުކުރި އެވެ. ނަމަވެސް އެވަގުތު އޭނާ އަތުގައި ވެސް އަވޫޗޭގެ އިސްކޮޅު ބަލާނެ ފޫޓުފީތާއެއް ނެތުމުން ކަނޑައެޅިގެން އޭނާގެ އިސްކޮޅު ނުބެލުނެވެ. އެހެންވެ އޭނާ އެ ދަތުރުން އެނބުރި ގޮސް އަލުން ބަލުން ދަތުރެއް ހަދައިގެން 16 ފޫޓު ދިގު ފޫޓު ފީތާއެއް ހިފައިގެން ގާނާގެ އެ ކުޑަ ކުޑަ އަވަށް ގަމްބާގާއަށް ދަތުރުކޮށް އަވޫޗޭގެ މިންއަޅައި އޭނާގެ އިސްކޮޅު ޔަގީން ކުރީ އެވެ.

އޭނާ ރޭވީ ފާރު ކައިރީގައި އަވޫޗޭގެ ބަހައްޓާފައި އޭނާގެ ބޮލުގެ ކުރި ފާހަގަކޮށް ފޫޓު ފީތާ އަޅައިގެން ބެލުމެވެ.

އަވޫޗޭ ބުނީ ކްލިނިކުން މިން އެޅިގޮތާ މެދު އޭނާ ވެސް އެހާ ހިތްހަމައެއް ނުޖެހެ އެވެ. ނަމަވެސް މިފަހަރު މިން އެޅި ގޮތް ރަނގަޅެވެ. އަދި އޭނާގެ އަސްލު އިސްކޮޅު އެނގުނީތީ ހިތްހަމަޖެހިއްޖެ އެވެ.

އަވޫޗޭގެ އަވަށުގައި ހުރި ގިނަ ގޭގޭގެ ފުރާޅުން މައްޗަށް އޭނާގެ ބޯ އަރަ އެވެ. އެހެންވެ އޭނާގެ މިންނަގަން ބަހައްޓަން އެކަށީގެންވާ ފާރެއް ވެސް ލިބުނީ ވަރަށް މަސައްކަތުންނެވެ.

ފައިވާން ބާލުވާފައި ފާރު ކައިރީގައި އަވޫޗޭ ބަހައްޓާފައި އޭނާގެ އަވަށްޓެރިއަކު ފިލައިން ހަދާފައިވާ ވައް ގޮނޑިއެއްގެ މައްޗަށް އަރައި އަތް ދަމާލުމުން އަވޫޗޭގެ ބޮލާ ހަމައަށް އަތް ފޯރީ ހަމަ ކިރިޔާ އެވެ. ވަގުތުން އޭނާ ދެލިކޮޅަކުން އެތަނުގައި މިންޖަހާލި އެވެ. އަވޫޗޭ ވެސް ވަރަށް ޝައުގުވެރިކަމާއެކު އޭނާގެ އަސްލު އިސްކޮޅު އެނގޭނެ އިރަކަށް އިންތިޒާރު ކުރަމުން ދިޔަ އެވެ.

"އަވޫޗޭ. މެޝަރިން ޓޭޕް ބުނަނީ ކަލޭގެ އިސްކޮޅަކީ 7 ފޫޓު 4 އިންޗި އޭ. ދުނިޔޭގެ އެންމެ ދިގު މީހާގެ އިސްކޮޅުގައި 8 ފޫޓު 2.8 އިންޗި ހުރޭ. އެހެންވީމާ އޭނާއަށް ވުރެ ކަލޭ އެއް ފޫޓު ކުރު،" ބީބީސީ ރިޕޯޓަރު އަވޫޗޭ ކައިރީ ބުނި ކަމަށް ވެއެވެ.

އަވޫޗޭ އމމާ ބޮޑަކަށް އެކަމަކާ ހާހެއް ނުވެ އެވެ. އޭނާ ބުނީ އަދިވެސް އޭނާ ދިގުވަމުންދާ ކަމަށެވެ. ކޮންމެ މަހަކު އެއްފަހަރު ދިގުވާ ކަމަށެވެ.

"މީގެ ތިން މަހެއް ދުވަސް ކުރިން ކަލެއަށް އަހަރެން ފެނުނުނަމަ އެނގޭނީ. އޭރަށް ވުރެ އަހަރެން މިހާރު މާ ބޮޑުތަން ދިގުވެއްޖެ،" ބީބީސީ ރިޕޯޓަރު ކައިރީގައި އަވޫޗޭ ބުނި ކަމަށް ވެއެވެ.

އިސްކޮޅުން މާ ދިގުވުމުގެ ސަބަބުން އަވޫޗޭ މައިބަދައިގައި ބޮޑު ގުދެއް ވެސް މިހާރު އެބަ އިނެވެ. އެކަން ރަނގަޅުކުރަން ނުވަތަ އޭނާއަށް ކުރިމަތިވަމުންދާ ސިއްހީ މައްސަލަތައް ރަނގަޅުކުރެވޭނެ ސިއްހީ ނިޒާމެއް އޭނާ ދިރިއުޅޭ ހިސާބަކު ނެތެވެ. އަދި އެހެން ތަނަކަށް ގޮސް ބޭސް ފަރުވާ ކުރާނެ ފައިސާއެއް ވެސް ނެތެވެ.