ނައިފަރު

މޫދަށް އެރިއުޅެނިކޮށް އޮޔާގޮސް ހާލުގައިޖެހުނު މީހަކު ސަލާމަތްކޮށްފި

Jan 23, 2016

ޅ. ނައިފަރު މޫދަށް އެރިއުޅުނު މީހަކު އޮޔާގޮސް ހާލުގައި ޖެހިފައިވަނިކޮށް އެ ރަށުގައި މަސައްކަތްކުރާ ދެ ފުލުހަކު މަސައްކަތްކޮށް އެމީހާ ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ އުމުރުން 27 އަހަރުގެ އެ މީހާ ނައިފަރުގެހުޅަނގު ދެކުނު ފަރާތުގައި އޮންނަ "ޓައިނީ އައިލެންޑް ބީޗް" ކިޔާ ސަރަޙައްދަށް މޫދަށް އެރި އޮޔާ ގޮސްފައި ވަނިކޮށް ސަލާމަތްކުރީ ނައިފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ކޯޕްރަލް މުޙައްމަދު ރިފްނާޒާއި ލާންސް ކޯޕްރަލް އިބްރާހިމް ފާސިހު ކަމަށެވެ.

އަދި ބުނީ މޫދަށް އެރިއުޅުނު މީހަކު އޮޔާދާކަށް މިއަދު ހެނދުނު ލިބުމާއެކު ފަތާފައިގޮސް ނައިފަރާ 500 މީޓަރު ދުރުން އެމީހާ ސަލާމަތްކޮށް އެސަރަޙައްދުގައި އޮންނަ ވެލާ ކޮށްޓެއްގެ މައްޗަށް އެރުވި ކަމަށާއި އެ މީހާގެ ހާލު ގޯސްވުމާއި ގުޅިގެން އާއްމުންގެ އެހީއާއެކު ޑިންގީއެއްގައި ނައިފަރަށް ގެންގޮސް އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.

އެ މީހާ މޫދަށް ގޮސްފައިވަނީ އެމީހާގެ އާއިލާގެ މެމްބަރުންނާއެކުއެވެ. އޭނާ އޮޔާގޮސްފައިވަނީ އެ މީހުން ގެންގުޅުނު ބޯޅައެއް ނަގަން ފަތާފައިދަނިކޮށެވެ.