ކުޅިވަރު

ލިވަޕޫލްގެ އާ އަހަރުގެ ފެށުން ދިޔައީ ގޯސްކޮށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން ލިވަޕޫލް 1-3 އިން ބަލިވެއްޖެ އެވެ.

އާ އަހަރު ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން ބަލިވުމާ އެކު ގަދަ ހަތަރެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފަ އެވެ. މިހާރު ލިވަޕޫލް އޮތީ 17 މެޗުން ލިބުނު 28 ޕޮއިންޓާ އެކު ތާވަލުގެ ހަ ވަނައިގަ އެވެ. ލިވަޕޫލްގެ މަތިން ފަސް ވަނައިގައި އޮތީ 17 މެޗުން 30 ޕޮއިންޓް ލިބިފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. 32 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. އެޓީމު މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކޮށްގެން ލިވަޕޫލާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާ ކުރެވޭނެ އެވެ.

ބްރެންޓްފޯޑްގެ ފުރަތަމަ ގޯލަކީ ލިވަޕޫލްގެ އިބްރާހިމަ ކޮނާޓޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. 19 ވަނަ މިނެޓުގައި ބްރެންޓްފޯޑުން ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަނީ ކޮނާޓޭގެ ފައިގައި ޖެހިފަ އެވެ. 42 ވަނަ މިނެޓުގައި ބްރެންޓްފޯޑަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނީ ޔޯން ވިސާ އެވެ. މިއީ އަރިމަތިން ޔެންސަން ނަގައިދިން ހުރަހަކުން ބޮލުން ވިސާ ޖެހި ލަނޑެކެވެ. އޭގެ މިނެޓެއް ކުރިން ވިސާ ޖެހި ލަނޑެއް ވީއޭއާރުގެ އެހީގައި ރެފްރީ ކެންސަލްކުރި އެވެ.

ލިވަޕޫލުން ދެވަނަ ހާފު ފެށީ ތިން ބަދަލު ކޮށްގެންނެވެ. އަނިޔާގެ ސަބަބުން ވާޖިލް ވެން ޑައިކްގެ ބަދަލުގައި އެރީ ޖޮއެލް މަޓިޕް އެވެ. ޑިފެންޑަރު ސިމިކާސްގެ ބަދަލުގައި އެންޑީ ރޮބާޓްސަން އެރިއިރު ހާވީ އެލިއޮޓްގެ ބަދަލުގައި އެރީ ނަބީ ކެއިޓާ އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ލިވަޕޫލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮދިނީ އެލެކް އޮކްސްލޭޑް ޗެމްބަލިން އެވެ. މިއީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަހަކުން ޗެމްބަލިން ޖެހި ލަނޑެކެވެ. ބްރެންޓްފޯޑްގެ ތިންވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓުގައި ޖެހީ އެމްބުއޭމޯ އެވެ. މިއީ ކޮނާޓޭ އަށް ހެދުނު ގޯހެއްގައި އެމްބުއޭމޯ ޖެހި ލަނޑެކެވެ.

މެޗަށް ފަހު ލިވަޕޫލްގެ ޑިފެންޑަރު ރޮބާޓްސަން ބުނީ ލިވަޕޫލުން ދެއްކި ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ކުޅުން ރަނގަޅު ނުކޮށް ލީގުގައި ކުރިއަށް ނުދެވޭނެ ކަމަށެވެ.

ލިވަޕޫލް އަތުން ހޯދި މޮޅާ އެކު ބްރެންޓްފޯޑް މިވަގުތު އޮތީ 26 ޕޮއިންޓާ އެކު ލީގުގެ ހަތް ވަނައިގަ އެވެ. ލިވަޕޫލާ އެޓީމާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ބަލިނުވާއިރު މިއީ މިދިޔަ 80 އަހަރުތެރޭ އެ ކްލަބުގެ އެންމެ ބޮޑު ކުރިއެރުމެވެ.