ސީމެގް

ސީމެގްގެ ވަފުދެއް ރާއްޖެއަށް، ސިޔާސީ ކުށްވެރިން ދޫކޮށްލަން ބާރު އަޅާނެ

ނަޝީދު މިއަދު ޑޭވިޑް ކެމޮރަންއާ ބައްދަލު ކުރައްވަނީ، އަދި އަރިހުގައި ލޯޔަރު އަމަލް ކްލޫނީ. -- ފޮޓޯ: އެމްޑީޕީ
0%
0%
0%

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) ގެ ވަފުދެއް އަންނަ މަހު ރާއްޖެ އަންނާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއެކު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ކެމެރަންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ، އަންނަ ފެބްރުއަރީ މަހު ސީމެގް ވަފުދެއް ރާއްޖެ ޒިޔާރަތްކުރާނެ ކަމުގެ ޚަބަރު ރައީސް ނަޝީދަށް ކެމެރަން ދެއްވި ކަމަށެވެ. އަދި ސީމެގްގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ބަންދުގައި ތިބި ސިޔާސީ ފަރާތްތަކާ ބެހޭ ގޮތުން ރާއްޖޭގެ ސަރުކާރަށް ދޭން ޖެހޭ މެސެޖް ދިނުމަށް ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް ކެމެރަން ވިދާޅުވެފައިވާ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވެ އެވެ.

ރާއްޖެއިން ޑިމޮކްރަސީ ނެތެމުންދާ ކަމުގެ ކަންބޮޑުވުން ބައިނަލްއަގްވާމީ މުޖުތަމައުގައި ފާޅުކުރާނެ ކަމުގެ ޔަގީންކަން ކެމެރަން، ރައީސް ނަޝީދަށް ދެއްވާފައިވާ ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފަ އެވެ. މީގެއިތުރުން ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާކުރަން ސަރުކާރަށް ބާރު އަޅުއްވާނެ ކަމުގެ ޔަގީން ވެސް ކެމެރަން ވަނީ ދެއްވާފަ އެވެ. އަދި ސީމެގްގެ ވަފުދުގެ ޒިޔާރަތުގައި ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް ބާރު އަޅާނެ ކަމަށް ވެސް ކެމެރަން ވިދާޅުވި ކަމަށް ތަރުޖަމާނު ވިދާޅުވެ އެވެ.

ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ، އެމަނިކުފާނު ދޫކޮށްދެއްވުމަށް އިނގިރޭސިވިލާތާއި އެހެން ގައުމުތަކުން ކޮމަންވެލްތުގެ ބައްދަލުވުމުގައި ކުރެއްވި މަސައްކަތަށް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުވުމުގައި ނަޝީދުގެ އަރިހުގައި ބައިވެރިވެ ވަޑައިގެންނެވީ އެމަނިކިފާނުގެ ލޯޔަރު ޖެރެޑް ޖެންސާ، އަމަލް ކްލޫނީ އަދި ނަޝީދުގެ އަނބިކަބަލުން ލައިލާ އަލީ އެވެ. ބައްދަލުވުން އޮތީ ބޮޑު ވަޒީރުގެ ރަސްމީ ގެ ކޮޅުގަ އެވެ.

ޓެރަރިޒަމްގެ ކުށުގައި ޖަލަށްލާފައިވާ ނަޝީދު ބޭސް ފަރުވާއަށް ބޭރަށް ދިޔުމަށް ހުއްދަ ދިނީ 30 ދުވަހަށެވެ. އަދި އެއަށް ވުރެ ގިނަ ދުވަސް ވާނަމަ، ޑޮކްޓަރުގެ ސިޓީތަކާ އެކު އެކަން ސަރުކާރަށް އަންގަން ޖެހެ އެވެ. ނަޝީދު ބޭރަށް ފުރުމުގެ ހުއްދަ ދިނީ ކުރީގެ ވަޒީރުންނަށް އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުންނެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910