ހަބަރު

ރާއްޖެއާ ގާތް ސްކޮޓްލެންޑް ކޮމަންވެލްތް އެސްޖީ ކަމާ ހަވާލުވެއްޖެ

  • ޝެރީ ބްލެއާގެ ލޯފާމްގެ އެޑްވައިޒަރުކަން އޭނާ ކުރެއްވި
  • ސީމެގްގެ ޕްރެޝަރު އެންމެ ބޮޑުވި އިރު ރާއްޖެއަށް އެހީވި
  • މިއީ ކޮމަންވެލްތްގެ ފުރަތަމަ އަންހެން އެސްޖީ

ކޮމަންވެލްތްގެ އާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)، ޕެޓްރީޝިއާ ސްކޮޓްލެންޑް، އެ މަގާމުގެ މަސްއޫލިއްޔަތާ އިއްޔެ ހަވާލުވެވަޑައިގެންފި އެވެ. އިނގިރޭސިވިލާތުގައި ބަނޑާރަ ނައިބުކަން ކުރެއްވި ސްކޮޓްލެންޑް އަކީ އެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.

އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން އިއްޔެ ކޮމަންވެލްތްގެ ހެޑްކުއާޓާސްގައި ވަނީ ކުލަގަދަ ހަފުލާއެއް ބާއްވާފަ އެވެ.

މި ހަފުލާގައި ގިނަ އަދަދެއްގެ މެހެމާނުން ބައިވެރިވި އެވެ. ސްކޮޓްލެންޑް ވަނީ ކޮމަންވެލްތްގެ، ސީމެގްގެ ޕްރެޝަރުތައް ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވަމުން އައި، ޑރ. މުހައްމަދު ވަހީދުގެ ރައީސް ކަމުގެ އެ ޕްރެޝަރުތަކުން ރާއްޖެ ސަލާމަތް ކުރުމަށް ގާނޫނީ ގޮތުން ރާއްޖެއަށް ލަފާދެއްވައިފަ އެވެ. ސްކޮޓްލެންޑް އަށް އެމަގާމު ލިބުނުކަން އިއުލާން ކުރުމުން ރައީސް ވަހީދު ވަނީ އެކަމަނާއަށް މަރުހަބާ ވެސް ދަންނަވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމާ ގުޅިގެން އެ މައްސަލަ އދ.ގެ ވޯކިން ގުރޫޕްގައި ކުރިއަށް ދިޔައިރު، މި ސަރުކާރަށް ލަފާ ދެއްވި ޓޯނީ ބްލެއާގެ އަނބިކަނބަލުން ޝެރީ ބްލެއާގެ ލޯ ފާމް، އޮމްނިއާ ސްޓްރެޓެޖީގެ އެޑްވައިޒަރީ ކައުންސިލްގަައި ވެސް ސްކޮޓްލެންޑް ހިމެނިވަޑައިގަންނަވަ އެވެ. ސްކޮޓްލެންޑަށް މަރުހާބާ ދެންނެވުމަށް ބޭއްވި ހަފުލާގައި ޝެރީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ސްކޮޓްލެންޑް މަގާމަށް ހަވާލުވެ ވަޑައިގަތުމަށް ފަހު ފުރަތަމަ ދެއްވި ތަގުރީރުގައި ވިދާޅުވީ، ކޮމަންވެލްތްގެ ޗާޓަރުގައި ހުރި ކަންތައްތައް ހާސިލް ކުރުމުގައި ގައުމުތަކާ ގުޅިގެން އެ ގައުމުތަކުގެ ހިޔާލާއި މަޝްވަރާ ހޯދައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެންމެން އެކަތިގަނޑަކަށް ވެ އެއްގަލަކަށް އަރައިގެން ނޫނީ އެކަން ހާސިލް ނުކުރެވޭނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގައި ގައުމުތަކުގެ ހިޔާލު ހޯއްދަވައި ކަންކަން ރަނގަޅު ކުރުމަށް އެހީތެރިވާ ޖަމްއިއްޔާއަކަށް ކޮމަންވެލްތް ހައްދަވާނެ ކަމަށް އެކަމަނާ ވައުދުވެ ވަޑައިގެންނެވި އެވެ.

އެކަމަނާގެ ލީޑަޝިޕްގައި މައިގަނޑު ހަތަރު ކަމަކަށް އިސްކަން ދެއްވުމަށް ވައުދުވެ ވަޑައިގަތެވެ.

"އަހަރެންނަށް ވަރަށް ގިނަ ޔަގީން އެންމެން ގުޅިގެން އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެކަން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެކެވޭނެކަން، ސިއްހަތު ކުރިއަރުވައި، ރައްޔިތުންގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ވެސް މަސައްކަތް ކުރެވޭނެ، ޒުވާނުންނަށް ރަނގަޅު ފުރުސަތުތައް ހޯދައިދޭނަން، އަދި ވިޔަފާރިއާއި ހެޔޮ ވެރިކަން ކުރިއެރުވުމަށް ވެސް މަސައްކަތް ކުރާނަން،" ހަތަރު އަހަރުގެ ދައުރަކަށް އިންތިހާބުވި، ސްކޮޓްލެންޑް ވިދާޅުވި އެވެ.

މީގެކުރިން މި މަގާމުގައި ހުންނެވީ އިންޑިއާގެ ކަމްލޭޝް ޝަރުމާ އެވެ. އަށް އަހަރު އެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން ވަކިވެވަޑައިގަތީ ދައުރު ހަމާވުމާ ގުޅިގެންނެވެ. ކަމްލޭޝް ފާހަގަކުރެވުނީ ރާއްޖެއަށް ޕްރެޝަރުތަކެއް ކުރެއްވި އެސްޖީއެއްގެ ގޮތުގަ އެވެ. އެގޮތުން އެންމެފަހުން އޭނާ ރިޔާސަތު ބެލެހެއްޓެވި، ސީމެގްގެ ޖަލްސާގައި ވެސް ރާއްޖެއިން ރަނގަޅުކުރަންޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށް މުހުލަތެއް ދީފައިވެ އެވެ.