ސީމެގް

އިސްލާހު ނުކުރާނަމަ ރާއްޖެއަށް ފިޔަވަޅު އަޅާނެ: ހޫގޯ ސްވެއާ

މިނިސްޓަރު ހޫގޯ ރައީސްއާ ބައްދަލުކުރައްވަނީ --
0%
0%
0%

ދީފައިވާ މުއްދަތުގެ ތެރޭގައި ކަންކަން ރަނގަޅު ނުކޮށްފިނަމަ ރާއްޖެއާމެދު އިނގިރޭސިވިލާތުން ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުގެ ފޮރިން އެންޑް ކޮމަންވެލްތް އޮފީހުގެ މިނިސްޓަރު އޮފް ސްޓޭޓް، ހޫގޯ ސްވެއާ ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއަށް ވަނީ ބައެއް ކަންކަން އިސްލާހު ކުރަން މުއްދަތެއްދީފަ އެވެ.

މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ސީމެގްގެ ބައްދަލުވުމުގައި ހަ ދާއިރާއަކުން ރާއްޖޭގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އެ ކަންކަން އިސްލާހު ކުރަން ވަނީ ފުރުސަތެއްދީފަ އެވެ. އެކަންކަން އަންނަ ސެޕްޓެމްބަރު މަހު ރިވިއު ކުރާނެ ކަމަށް ވެސް ސީމެގްއިން ބުނެފައިވެ އެވެ.

ލޭބާ ޕާޓީގެ ބާންލީގެ މެމްބަރު ޖޫލީ ކޫޕާ މަޖިލީހުގައި ރާއްޖެއާ ގުޅޭގޮތުން ހޫގޯއާ ވަނީ ސުވާލުކުރައްވާފަ އެވެ. ޖޫލީ ކުރެއްވި ސުވާލުގައިވަނީ، ސީމެގްގެ ނިންމުމާ އެއްގޮތަށް ރާއްޖެއިން އަމަލު ނުކުރާނަމަ ރާއްޖޭގެ ވަކިވަކި ސިޔާސީ ލީޑަރުންނާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވޭތޯ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހޫގޯ ވިދާޅުވެފައިވަނީ، ރާއްޖޭގެ ހަ ދާއިރާއެއްގައި ހުރި ކަންބޮޑުވުންތައް ސީމެގްއިން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުމަށް އާ ސުންގަޑިއެއް ދީފައިވާ ކަމަށާއި އެ ހަ ދާއިރާއިން ރާއްޖެ ހޯދާ ކުރިއެރުންތައް ވަޒަންކުރާނީ އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ސީމެގްގެ ބައްދަލުވެއްގައި ކަމަށެވެ. ރާއްޖެއާ މެދު އަޅާނެ ފިޔަވަޅުތައް ވަޒަންކުރާނީ އެ ބައްދަލުވުމުގައި ކަމަށެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިވިއު ބައްދަލުވުމުގައި ރާއްޖެއިން އެ ހަ ދާއިރާ އިސްލާހުކޮށް ކުރިއެރުންތަކެއް ހޯދާފައިނުވާނަމަ ރާއްޖެއާ މެދު އިނގިރޭސިވިލާތުން އަޅާނެ ފިޔަވަޅުތައް ވިސްނުންތެރިކަމާއެކު ނިންމާނެ ކަމަށް ވެސް މިނިސްޓަރު ހޫގޯ ވަނީ ވިދާޅުވެފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910