އެެއްވެސް ސިޔާސީ ޕާޓިއަކުން މެމްބަރުން ވަކިކޮށް އެހެން ޕާޓިއަކަށް ވެއްދުމަށް އަދި ޕާޓީއެއްގެ ރަޖިސްޓްރީން ނަމެއް އުނިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ގަވާއިދާ ހިލާފަށް އެއްވެސް ނުފޫޒެއްގެ ދަށުން އެއްވެސް ކަމެެއް ކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
އަަވަސް އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުވާދު ތައުފީގު މިއަދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިނިގިލީގެ ނިޝާން ނުޖަހާ ހުރި ފޯމުތައް އުވާލަން ގާނޫނެއް ހެދުމުން، އެކަން ސިޔާސީ ޕާޓީތަކަށް އެންގުމަށްފަހު އިނގިލީގެ ނިޝާން ނުޖަހާ ހުރި ފޯމުތައް އިލެކްޝަންސް ކޮމިޝަނުން އޭރު ކެންސަލް ކޮށްލި ކަމަށެވެ.
އަލުން އެ މެންބަރުން ރަޖިސްޓްރީ ކުރުމަށް ފޯމު ހުށަހެޅުމަށް ސިޔާސީ ޕާޓީތަކަށް އަންގާފައިވާނެ ކަމަށާއި އެ ޕާޓީއެއްގެ ނުވަތަ އެމެމްބަރެއްގެ ފަރުވާ ކުޑަކަމުން އަލުން ރަޖިސްޓްރީ ނުކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މައްސަލައެއް ނޫން ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.
"އެއީ ކުރީގެ ރައީސަކަށްވިޔަސް، ރައީސެއްގެ އަނބިކަނބަލަކަށް ވިޔަސް، ރަޖިސްޓަރީ ނުކުރާ ނަމެއް އަޅުގަނޑުމެން ގަވާއިދާ ހިލާފަށް އެއްވެސް ޕާޓީއެއްގައި ނުހިމަނާނަން. ހުރިހާ ލިޔެކިޔުން އަޅުގަނޑުމެން އަތުގައި އެބަހުރި،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނާއި ގަވައިދަށް އައި ބަދަލެއްގެ ސަބަބުން ސިޔާސީ ޕާޓީތަކުން މެމްބަރުން ވަކިކުރުމުން ގާނޫނާއި ގަވައިދާ އެއްގޮތަށް ފޯމު ފުރާފައި އަލުން ހުށަަހަޅާފައި ނުވާނަމަ އެ މެންބަރުން ޕާޓީތަކުގެ ދަފްތަރުގައި ނުހިމަނާނެ ކަމަށެވެ.
"އެއީ [ގާނޫނަށް ގެނައި ބަދަލަކީ] އޮޅުވާލައިގެން ވަކި މަގުސަދެއްގައި އިލެކްޝަނުން ކުރިކަމެއް ނޫން،" ފުއާދު ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ވަކިކޮށް އޮޅުވާލައިގެން އެހެން ޕާޓީތަކަށް މެމްބަރުން ވައްދާފައިވަނީ އެމްޑީޕީގެ މިހާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ގުޅިގެން ކަމަށް ރައީސް ނަޝީދު ރޭ ވަނީ ތުހުމަތުކުރައްވާފަ އެވެ.
"އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ނޭދި އޮއްވާ އޭނާ އެހެން ޕާޓީއެއްގައި މި ހިމަނަނީ ކިހިނަކުންތޯ؟ އެއީ އޭނާ އެމްޑީޕީން ކަނޑާލުމުގެ ނިޔަތުގައި އިލެކްޝަންސް ކޮމިޝަންގެ ތެރެއިން އެކަން މިހިންގުވަނީ. އަޅުގަނޑު ދަންނަވާނީ މި ހުންނަނީ ވަރަށް ވަަރަށް ހުތުރު އަމަލުތައް،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދަށް ރައްދުދެއްވަމުން ފުއާދު ވިދާޅުވީ އެފަދަ ކަމެއް ހިނގުމުގެ އެއްވެސް ފުރުސަތެއް އިލެކްޝަންސް ކޮމިޝަން ތެރޭގައި ނޯންނާ ކަމަށާއި ރައީސް ނަޝީދު ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.