އެމްއޭސީއެލް

ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތުދޭ ގޮތުގައި މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 18 އިން ފެށިގެންނެވެ.

އެގޮތުން ޗައިނާގެ ބެއިޖިން ކެޕިޓަލް އެއާލައިނުން ހަތަރު ފްލައިޓެއް ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ މިމަހު 18 އިން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ 306 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ޗައިނާ އީސްޓާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރަން ނިންމާފައިވަނީ މިމަހުގެ 28 އިން ފެށިގެން މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ފަހަރު އެވެ. މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ 232 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި ބަލާ ހޮންގްކޮންގް އެއާލައިނުން ރާއްޖެއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ ހަފްތާއަކު ތިން ފަހަރު އެވެ. މި ދަތުރުތައް މިމަހުން ފެށިގެން މާޗް މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ. މި އެއާލައިނުން ބޭނުންކުރަނީ 292 ފަސެންޖަރުންގެ ބޯޓެވެ.

ކޮވިޑް-19އާ ގުޅިގެން ޗައިނާގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މި މަހުގެ އަށްވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގައި ޗައިނާ އަކީ މުހިއްމު ގައުމެއްކަން ފާހަގަކޮށް ފޮރިން މިނިސްޓްރީން ބުނީ ޗައިނާ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެ ގައުމުން އެ އަހަރު 284،029 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އެވެ.