އީޕީއޭ

ފަޅު ތެރެއަށް އެޅުނު ތެލުން ދިރުންތަކަށް ގެއްލުމެއް ނުވޭ: އީޕީއޭ

މާލޭގެ ރަސްމީ ފާލަން ހިމެނޭ މޫދު ސަރަހައްދަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވީ ނަމަވެސް އެއްވެސް ދިރުމަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ފާހަގަނުކުރެވޭ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ރަސްމީ ފާލަމާ ދިމާ ފަޅުތެރެއަށް ތެޔޮ އެޅުނު މައްސަލަ އެ އޭޖެންސީ އިން ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެޅުނު ތެލުގެ ސަބަބުން އެއްވެސް ދިރުމަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމުގެއި ވެސް ވިދާޅުވި އެވެ.

ނައީމު އިތުރަށް ވިދާޅުވީ ފަޅު ތެރެއަށް ތެޔޮ އެޅެން މެދުވެރިވީ ގޮތް ދެނެގަތުމަށް އީޕީއޭ އިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ސަރަހައްދަށް އެޅިފައި ހުރި ތެލަކީ ކަޅުތެޔޮކަން ޔަގީން ނުވާކަން ވެސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިދަނީ ދިރާސާ ކުރަމުން. ތެޔޮ އެޅެންވީ ސަބަބެއް އަދި ދެނެގަނެވިފައެއް ނުވޭ،" ނައީމު ވިދާޅުވި އެވެ.

މާލޭގެ ރަސްމީ ފާލަމާ ތިން ނަންބަރު ފާލަމާ ދެމެދުގެ ސަރަހައްދަށް ތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު 9:10 ހާއިރު އެވެ.

އެވަގުތުން ފެށިގެން ސިފައިން ގެންދަނީ ފަޅުތެރޭގައި ހުރި ތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރަނީ ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުންނެވެ.

ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާތަނަށް 700 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.