ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ހުއްދަދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީ އާންމުކޮށްފި

ދަނޑުވެރިކަމަށް ބޭނުންކުރުމަށް ހުއްދީފައިވާ ޕެސްޓިސައިޑްގެ ރަޖިސްޓްރީ އެގްރިކަލްޗާ މިނިސްޓްރީން އާންމުކޮށްފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓަކީ ކެންސަރަށް މަގުފަހިވާ މާއްދާތައް އެކުލެވިގެންވާ ކެމިކަލްތައް އުނިކޮށް އެކުލަވާލާފައިވާ ރެޖިސްޓްރީއެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށްފައިވާ ކެމިކަލްގެ ބާވަތްތަކާއި، ތަފާތު ބާވަތްތަކުގެ ކެމިކަލް މާއްދާ ބޭނުންކޮށްފައިވާ އުފެއްދުންތައް ދެނެގަތުމަށް އެގްރިކަލް މިނިސްޓްރީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ވަނީ ކެންސަރަށް މަގުފަހިވާ 14 ވައްތަރެއްގެ ޕެސްޓިސައިޑް އިމްޕޯޓު ކޮށްފަ އެވެ.

ކެންސަރަށް މަގުފައިވާ މާއްދާތައް ހިމެނޭ ކެމިކަލްތައް އުނިކުރުމަށް، އެގްރިކަލްޗާ މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޕެސްޓިސައިޑް ލިސްޓުގައި ކެމިކަލްތަކުގެ ތަފްސީލް ދީފައިވަނީ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާ ނުރައްކާތެރިކަމުގެ މިންވަރުވެސް އެނގޭ ގޮތަށެވެ.

ޕެސްޓިސައިޑް އަކީ ދަނޑުވެރިކަމުގައި ގަސްގަހާގެއްސަށް ގެއްލުންދޭ ސޫފި ނުވަތަ އެނޫންވެސް ޖަރާސީމު ނައްތާލުމަށް ބޭނުންކުރާ އެކިބާވަތުގެ މާއްދާތައް ހިމެނޭ ކެމިކަލް އެކެވެ.