އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ގެންދާ އޮފީސް އިމާރާތުގައި ދަރިވަރުންނަށް ކިޔެވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް ބުނެ އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިން އަނެއްކާވެސް އިތުރު ކަންބޮޑުވުމެއް ފެންމަތިކޮށްފި އެވެ.
އަރަބިއްޔާގެ ބެލެނިވެރިންގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައި އަރަބިއްޔާގެ ދަރިވަރުންނަށް ކުރިމަތިވަމުންދާ ދަތިތައް ވަނީ ފާހަގަކޮށްފަ އެވެ. މިގޮތުން އޮފީސް އިމާރާތެއްގައި އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާއިރު އެކުދިންނަށް ލެބޯޓަރީ އާއި ލައިބްރަރީގެ ހިދުމަތް ގަވާއިދުން ލިބެމުން ނުދާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ދަރިވަރުންނަށް ލެބޯޓަރީއާއި ލައިބްރަރީގެ ހިދުމަތް ގަވާއިދުން ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށްވެސް އެދިފައި ވެއެވެ.
އަރަބިއްޔާގެ ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމަށް އެކަށީގެންވާ ޖާގަ ހޯދައިދިނުމަށްވެސް ގޮވާލާފައިވެ އެވެ. މިބަޔާނުގައި ސްކޫލާ އިންވެގެން އޮތް މާލޭ ސިޓީ ކައުންސިލްގެ ބިމުގައި މާބޮޑު ދަތިކަމެއް ނެތި އެފަދަ ޖާގައެއް ހެދިދާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ސްކޫލުތައް އަލުން ހުޅުވާއިރު އަރަބިއްޔާގެ ދަރިވަރުންނަށް ކިޔެވުމުގެ މާހައުލުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށާއި ދަރުމަވަންތަ ސްކޫލް ހިންގަމުންދާ ވަގުތީ އިމާރާތް ހުސްވުމުން އެ އިމާރާތަށް އަރަބިއްޔާގެ ދަރިވަރުން ބަދަލުކޮށްދިނުމަށްވެސް ބަޔާނުގައި އެދިފައިވެ އެވެ.
މީގެ އިތުރުން މިބަޔާނުގައި އަރަބިއްޔާ ސްކޫލްގެ ބޯޑު މެމްބަރުންނާއި ޕީޓީއޭ އަދި ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން އިހާނެތިކޮށް މުއާމަލާތްކޮށް ފުރައްސާރަ ކުރަމުންދާ ކަމަށްވެސް ތުހުމަތުކޮށްފައި ވެއެވެ.
އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާ އެކުދިންގެ އާއިލާތަކަށް ޓެރަރިސްޓުން ކަމަށް ނިސްބަތްވާ ގޮތަށް ތުހުމަތު ކުރަމުންދާ ކަމަށް ފެންނަ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ބާ ޖަމާލުއްދީން ސްކޫލު ހުރި ބިމުގަ އެވެ. އެ ބިމުގައި ހުރި ދުވަސްވީ އިމާރާތްތައް ތަޅާލައި ބިން ސާފުކުރުމަށް ބަޔަކާ ހަވާލުކުރީ މިދިޔަ އަހަރުގެ މެއި 10 ވަނަ ދުވަހު އެވެ.
ބާ ޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށާއި ޖަމާލުއްދީން ސްކޫލަށް ޖާގަ އިތުރުކުރުމަށް ހަދަން ނިންމާފައިވާ އިމާރާތް ހެދުމަށް އަމީން ކޮންސްޓްރަކްޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 29 ވަނަ ދުވަހު އެވެ.
އަރަބިއްޔާ ސްކޫލު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނީ ދުވަސްވީ އިމާރާތްތައް ތަޅާލުމަަށްފަހު ބިން ހަވާލުކުރުމުން ކަމަށް އަމީން ކޮންސްޓްރަކްޝަނުން ބުނެފައި ވެއެވެ.