އަނބަކީ ރާއްޖޭގައި ހައްދާ މީރު މޭވާއެކެވެ. އަނބުގެ 100 އަށްވުރެ ގިނަ ބާވަތް ހުރެ އެވެ. މި ބާވަތްތަކުގައި ރަހަ އާއި ކުލަ އާއި ސައިޒު އަދި ބައްޓަން ތަފާތު އަނބުތައް ހުރެ އެވެ.
ކެއުމާއި ޖޫސް ގިރުމަށްވެސް ބޭނުންކުރާ އަނބަކީ ހުރިހާ އުމުރު ފުރާއެއްގެ މީހުންގެ މެދުގައި މަގުބޫލު މީރު މޭވާއެކެވެ.
ނިއުޓްރިއެންޓްސް
އަނބަކީ ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ވިޓަމިންސް އާއި މިނަރަލްސް ލިއްބައިދޭ މޭވާއެކެވެ. އެއް ޖޯޑު އަނބުގައި 99 ކެލޮރީ ހުރެ އެވެ. އެއް ޖޯޑު އަނބުން 1.4 ގްރާމްސް ޕްރޮޓީން، 0.6 ގްރާމްސް ފެޓް އަދި 2.6 ގްރާމްސް ފައިބާ ލިބެ އެވެ. އޭގެ އިތުރުން 22.5 ގްރާމްސް ހަކުރު ހިމެނެ އެވެ.
މީހަކަށް ދުވާލަކު ވިޓަމިން ސީ ބޭނުންވާ މިންވަރުގެ 67 ޕަސެންޓް އެއް ޖޯޑު އަނބުން ލިބެ އެވެ. އޭގެ އިތުރުން ވިޓަމިން ބީ6ގެ 12 ޕަސެންޓާއި ވިޓަމިން އޭ އަދި އީގެ 10 ޕަސެންޓް ލިބެ އެވެ. އޭގެ އިތުރުން ވިޓަމިން ކޭގެ ހަ ޕަސެންޓް ލިބެ އެވެ.
މީހަކަށް ދުވާލަކު ޕޮޓޭސިއަމް ބޭނުންވާ މިންވަރުގެ ހަ ޕަސެންޓް އަދި މެގްނީސިއަމްގެ ހަތަރު ޕަސެންޓް އެއް ޖޯޑު އަނބުން ލިބޭނެ އެވެ.
ހަކުރު ގިނަ މޭވާއެއް
އަނބަކީ އާންމު އެހެން މޭވާތަކަށްވުރެ ނެޗުރަލް ޝުގާ -- ގުދުރަތީ ހަކުރު ގިނަ މޭވާއެކެވެ.
އެހެންކަމުން އެއް ފަހަރާ މާގިނައިން އަނބު ކެއުމަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވެދާނެ ކަމެކެވެ.
ހިތުގެ ދުޅަހެޔޮކަން ދަމަހައްޓައިދޭ
ހިތުގެ ދުޅަހެޔޮ ކަމަށް ހަށިގަނޑަށް ބޭނުންވާ މުހިއްމު ދެ މާއްދާ އަނބުގައި ހިމެނެ އެވެ. އެއީ މެގްނީސިއަމް އާއި ޕޮޓޭސިއަމް އެވެ.
މި ދެ މާއްދާއަކީ ލޭ ދައުރުވުން ދުޅަހެޔޮކުރުމަށް އެހީވެދޭ ދެ މާއްދާ އެވެ. ލޭ ނާރުތައް ހަމަޖައްސައިދިނުމުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީވެދެ އެވެ. އޭގެ އިތުރުން ކޮލެސްޓްރޯލް މިންވަރު ދަށްކޮށްދިނުމަށްވެސް އެހީވެދެ އެވެ.
ލޮލުގެ ދުޅަހެޔޮކަމަށް
ލޮލުގެ ދުޅަހެޔޮ ކަމަށް މުހިއްމު ދެ މާއްދާއެއް އަނބުގައި ހިމެނެ އެވެ. އެއީ ލޫޓެއިން އާއި ޒިއަޒެންތިން އެވެ. އޭގެ އިތުރުން އަނބަކީ ވިޓަމިން އޭ މުއްސަނދި މޭވާއެކެވެ. މިއީވެސް ލޮލުގެ ދުޅަހެޔޮކަމަށް އެހީވެދޭ މާއްދާއެކެވެ.
ވިޓަމިން އޭ މަދުވުމަކީ ލޯ ހިކުންފަދަ ކަންކަން މެދުވެރިވާ ކަމެކެވެ.