ކެންސަރު ޖެހި އެންމެ ފަހު ސްޓޭޖްގައި އޮތް މީހަކު އެ ބަލިން މުޅިން ފަސޭހަވެއްޖެ އެވެ.
ކެންސަރު ބައްޔަށް އަޖުމަބެލި ބޭހެއްގެ ޓްރައަލްގައި ރޮބާޓް ގްލީން ބައިވެރިވީ އެންމެ ގިނައިންވެސް އޭނާއަށް ދުނިޔޭގައި ހުރުމުގެ އުންމީދު އޮތީ އަހަރެއްހާ ދުވަސް ކަމަށް ޑޮކްޓަރުން ބުނުމާ ގުޅިގެންނެވެ. އެވެސް މަރޭ މިވެސް މަރޭ ހިތަށް އަރުވާލާފައި ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމައިގެންނެވެ. ނަމަވެސް ޓްރަޔަލްގައި ދިން ބޭހުން ގްލީން މިހާރު ވަނީ މުޅިން ފަސޭހަ ވެފަ އެވެ. އޭނާގެ ގައިގައި ކެންސަރުގެ އަސަރެއް މިހާރު ނެތެވެ.
ގްލީން އަށް ބައިލް ޑަކްޓް ކެންސާ ޖެހިފައިވާކަން އެނގުނީ 2020 ވަނަ އަހަރު އެވެ. އޭޏާގެ ކޮނޑުގައި ވަރަށް ގަދަޔަށް ރިއްސާތީ ޑޮކްޓަރަށް ދެއްކުމުންނެވެ.
މެންޗެސްޓާޒް ދަ ކްރިސްޓީގައި އޮތް އިމިއުނޯތެރަޕީ ޓްރަޔަލް އެއްގައި އޭނާ ބައިވެރިވީ ހަދާނެ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.
އިނގިރޭސި ވިލާތުގެ ސަލްފޯޑްގެ ވޯސްލީގައި ދިރިއުޅޭ 51 އަހަރުގެ ގްލީން ބުނި ގޮތުގައި ދެ އަހަރު ވަންދެން ކެންސަރާ ހަނގުރާމަ ކުރުމަށްފަހު ކުއްލިއަކަށް އޭނާގެ ހަށިގަނޑުން ކެންސަރު ފިލައިގެން ދިއުމުން އޭނާއަކީ ހާދަ ނަސީބު ގަދަ މީހެކޭ ހިތަށް އެރި ކަމަށެވެ.
ވެލްޑަރެއްގެ ގޮތުގައި މަސައްކަތްކުރި ގްލީން އަށް ކޮނޑުގައި ރިހޭ ވަރުން އެއްގޮތަކަށް ނުނިދިގެން އުޅެން ޖެހުނު ކަމަށާއި ކެންސަރު ހުރިކަން އެނގުނީ އެ ތަދު ނުފިލައިގެން ހެދި ޓެސްޓްތަކުން ކަމަށެވެ.
ފުރަތަމަ ގްލީން ދެއްކި ޑޮކްޓަރަށް އޭނާއަށް ވާގޮތެއް ނޭނގުނެވެ. ލޭގެ ޓެސްޓާއި ސްކޭން ހެދިޔަސް އޭގެން އެއްވެސް އެއްޗަކުން ގްލީންގެ ހުރި ބައްޔެއް ނޭނގުނެވެ. ބަލި އެނގެން މެދުވެރިވީ ވެސް އިއްތިފާގަކުންނެވެ. އެކަން އެނގުނީ ފަހުން އޮގްލީންއަށް ގޯލް ބްލެޑާ އިންފެކްޝަނެއް ޖެހިގެން ހެދި ޓެސްޓަކުންނެވެ.
އޮގަސްޓް 2020ގައި އުމުރުން 49 އަހަރުގައި ގްލީން އަށް ޑޮކްޓަރު ދިން ޚަބަރަކުން އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނެވެ. ބައިލް ޑަކްޓް ކެންސަރު ޖެހިފައިވާ ކަމަށާއި ކެންސަރު ވަނީ އެޑްރިނަލް ގްލޭންޑްސްއަށް ފެތުރި ބަލީގެ އެންމެ ފަހު މަރުހަލާގައި ކަމަށްވެސް އެ ދުވަހު ޑޮކްޓަރު ބުންޏެވެ.
ޔޫކޭގައި އަހަރަކު އެވްރެޖްކޮށް 1000 މީހަކު މި ވައްތަރުގެ ކެންސަރަށް ޑައިގްނޯސް ވެއެވެ. އޭނާއަށް ކެންސަރު ފަރުވާ ދިނަސް ރަނގަޅު ނުކުރެވޭނެ ކަމަށާއި އިމިއުނޯތެރަޕީ ޓްރަޔަލް އެއްގައި ބައިވެރިވުމަށް ޑޮކްޓަރުން އިރުޝާދު ދިނެވެ.
އެ ފަރުވާ އިން ގްލީންގެ ޓިއުމަރުތައް ސާޖަރީ ހަދައިގެން ނެގޭ ވަރަށް ކުޑަވުމުން ސާޖަރީ ހެދީ އެވެ. އޮޕަރޭޝަން ކުރި ސާޖަނުންނަށް ގްލީންގެ ހަށިގަނޑުން ފެނިފައިވަނީ މަރުވެފައިވާ ޓިޝޫތަކެއް އެކަންޏެވެ. މާނައަކީ ގްލީން އަށް ދިން އިމިއުނޯތެރަޕީ ފަރުވާއިން ކެންސަރު ސެލްތައް ވަނީ މަރުވެ ފަނާވެފަ އެވެ.
ދަ ކްރިސްޓީގެ ފަރާތުން މި ޓްރަޔަލް ކުރިޔަށް ގެންދިޔައީ ޕްރޮފެސާ ޖޫލިއަން ވޭލް ވިދާޅުވީ މި ނަތީޖާއަކީ އޭނާއާ އެކު މި މަސައްކަތުގައި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ އެތައް ޑޮކްޓަރުންނެއްގެ މަސައްކަތެވެ. އަދި ގްލީން ރަނގަޅުވުމުން އޭނާ ކަހަލަ ގިނަ ބަޔަކަށް ރަނގަޅުވުމުގެ އުންމީދު އާވެފައިވާ ކަމަށްވެސް ޕްރޮފެސަރު ވިދާޅުވި އެވެ.
މިހާރު ގްލީން ވަނީ އޭނާގެ ދިރިއުޅުމުގެ ވައްޓާފާޅިއަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. ޕްރޮސެސްކޮށްފައިވާ ކާނާ ކެއުން މަދުކޮށްލައި ބަރުދަނުން 31 ކިލޯ ލުއިކޮށްފި އެވެ.
"އަހަރެންނަށް މިހާރު ވިސްނިއްޖެ ހަމައެކަނި ޑޮކްޓަރުންގެ ފަރުވާ އަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި އަހަރެމެން އަމިއްލައަށް ވެސް އަހަރެމެންގެ ހަށިގަނޑަށް ފަރުވާ ދޭން ޖެހޭނެކަން،" ގްލީން ބުންޏެވެ.