އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލުން ކުންފުންޏެއް އުފައްދަނީ

އައްޑޫ ސިޓީގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް ނިންމާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އައްޑޫ ސިޓީ ލޯކަލް އޮތޯރިޓީގެ ނަމުގައި އުފައްދަން ނިންމާފައިވާ މި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

ލާމަރުކަޒީ ގާނޫނާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އުފެއްދުމަށް ހަމަޖެހިފައިވާ އައްޑޫ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ދެ މަގާމަކަށް މީހުން ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިއުލާނު ކޮށްފަ އެވެ. އެއީ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމަށާއި މިނިވަން ޑިރެކްޓަރެއްގެ މަގާމަށެވެ. މިއިން ކޮންމެ މަގާމަކަށްވެސް ނަގަން ހަމަޖެހިފައިވަނީ އެންމެ މީހެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

ޑިރެކްޓަރުންގެ ބޯޑުގެ ދެ މަގާމަށް ޝައުގުވެރިވާ މީހުންނަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ. މަގާމަށް ކުރިމަތިލުމަށް އެދޭ އެޕްލިކޭޝަން ފޯމު އައްޑޫ ސިޓީ ކައުންސިލުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.

ސިޓީ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ޑިރެކްޓަރުންގެ ބޯޑުގެ މަގާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލުން އެކުލަވާލާ ކޮމިޓީއަކުން ނަންތައް ޝޯޓްލިސްޓް ކުރުމަށްފަހު އެވެ. ޝޯޓްލިސްޓް ކުރެވޭ މީހުންގެ ތެރެއިން މަގާމުތަކަށް މީހުން ނަގާނީ ކައުންސިލުގެ ރަސްމީ ޖަލްސާއަކުން މެންބަރުން ކަނޑައަޅާ ގޮތެއްގެ މަތިންނެވެ.

ލާމަރުކަޒީ ގާނޫނާއި ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ކުންފުންޏެއް އުފައްދައިގެން ކައުންސިލަކުން ރަސްމީކޮށް ވިޔަފާރި ކުރުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފައިވަނީ އއ. ތޮއްޑޫ ކައުންސިލަށެވެ. އެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ތޮއްޑޫ ކައުންސިލުން ކުންފުންޏެއް ހަދައިގެން ވިޔަފާރިކުރުމުގެ ހުއްދަ ދިން ނަމަވެސް މާލެ ސިޓީ ކައުންސިލަށް ކުންފުނި ހަދަން ހުއްދަ ދީފައި ނުވާ ކަމަށް އެ ކައުންސިލުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.