މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

އިންޑިއާ އާއި ރާއްޖެ އެއް ގްރިޑަކުން ގުޅާލެވޭނެ ގޮތް ދިރާސާކޮށްފި

އިންޑިއާ އާއި ރާއްޖެ އެއް ގްރިޑަކުން ގުޅާލައި އިއާދަކުރަނިވި ހަކަތަ ބަދަލުކުރުމުގެ ގޮތުން އިންޑިއާގެ ޕަވާ މިނިސްޓްރީގެ ޓީމަކުން ރާއްޖެ އައިސް ފަންނީ ދިރާސާތައް ކޮށްފި އެވެ.

އިންޑިއާގެ ޕަވާ މިނިސްޓްރީން ޑިސެމްބަރު 27 ވަނަ ނެރުނު އަހަރީ ހުލާސާ ބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ ޕަވާ ގްރިޑާއި އެހެން ގައުމުތަކުގެ ޕަވާ ގްރިޑް ގުޅާލައި، އެ ގްރިޑް މެދުވެރިކޮށް އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމަށްޓަކައި "ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް" ގެ ނަމުގައި ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އެ ގައުމުގެ ޓީމެއް ރާއްޖެ އައިސް ދިރާސާތަކެއް ކޮށްފައިވާ ކަމަށެވެ.

އެ ޓީމުން ދިރާސާކުރީ ލަކްޝަދީބުގެ ރަށްތަކުގެ ތެރެއިން ގޮސް ރާއްޖެ އާއި އިންޑިއާގެ ގްރިޑު ގުޅާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ މިދިޔަ އަހަރުގެ އޭޕްރީލް މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ޕަވާ މިނިސްޓަރު ރާޖު ކުމާރު ސިންގްއާ ބައްދަލުކުރައްވާ ވަނީ އިންޑިއާ އެއް ގްރިޑަކުން ގުޅާލުމާއި ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ވެސް ކުރައްވާފައެވެ.

މި ދަތުރުފުޅަށް ފަހު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ދެ ގައުމު ގުޅިގެން ދިރާސާތައް ކުރުމަށްފަހު ކަނޑު އަޑީގައި ކޭބަލް އަޅާނެ ގޮތާއި މާލޭގެ ނެޓްވޯކަށް ބަދަލު ގެންނާނެ ގޮތާ ބެހޭ ގޮތުން ތަފްސީލީ ޕްރޮޖެކްޓް ރިޕޯޓެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ.

ވޯލްޑް ލީޑާސް ސަމިޓު 2021 ގައި "ވަން ވޯލްޑް، ވަން ސަން، ވަން ގްރިޑް"ގެ މަސައްކަތް ފައްޓަވާ ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސިވިލާތުގެ އޭރުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެވެ.