ސޯޝަލް މީޑިއާގެ މި ޒަމާނުގައި ބައެއް ކަހަލަ ވާހަކަތައް ވަރަށް ފަސޭހައިން ވައިރަލް ވެއެވެ. ހާއްސަކޮށް ސެލެބްރިޓީންގެ ވާހަކަތައް މީހަކު ހީވާ ހީވުމަކަށް އެއްޗެކޭ ބުނެލިޔަސް މާބޮޑު ވާހަކައަކަށް ވެގެން ހައްދު ފަހަނަޅާދާ ފަހަރު ވެސް އާދެ އެވެ.
ހިންދީ ފިލްމު އިންޑަސްޓްރީގެ ވާހަކަތަކުގެ ތެރެއިން މިހާރު އެންމެ ބާރަށް ދެކެވޭ އެއް ވާހަކަ އަކީ ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން އާއި މޮރޮކޯގެ ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީ ލޯބީގެ ގޮތުން ގުޅުނު ވާހަކަ އެވެ.
މި ވާހަކަ އަޑުއެހި ބައެއް މީހުން މިއީ ޚިޔާލީފޮލާއެއް ކަމަށް ނިންމިއިރު އަނެއް ބަޔަކު ބުނަނީ މިއީ ހަމަ ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށެވެ. އާރްޔަން މީގެ ކުރިން ވެސް ރައްޓެހިވީ އޭނާއަށް ވުރެ މާދޮށީ އުމުރުގެ އަންހެނަކާ ކަމަށާއި ވީމާ ނޯރާއާ ވެސް ރައްޓެހި ނުވާނެއެކޭ ބުނަން ނޭނގޭ ކަމަށް މި ޚަބަރަށް ކޮމެންޓުކުރި ބައެއް މީޙުން ބުންޏެވެ.
އާރްޔަން އާއި ނޯރާ އަޅުވާ ކިޔެން ފެށުނީ އިންޓަނެޓުގައި ވައިރަލް ވީ ދެ ފޮޓޯ އެއްގެ ސަބަބުންނެވެ. މި ދެ ފޮޓޯއިން އެއް ފޮޓޯއަކީ އާރްޔަން އާއި އެހެން އަންހެނަކު ފޮޓޯއަކަށް ހުއްޓި ތިބެ ނަގާފައިވާ ފޮޓޯ އެކެވެ. އަނެއް ފޮޓޯގައި ހުރީ ހަމަ އެހެން އަންހެން މީހާއާ އެކު ނޯރާ ހަމަ އެތަނުގައި ފޮޓޯއަކަށް މަޑުކޮށްލައިގެން ހުއްޓަ އެވެ.
މި ދެ ފޮޓޯވެސް ނަގާފައިވަނީ ޑުބާއީގައި އާ އަހަރު ފާހަގަކުރަން ބޭއްވި ހަފްލާއެއްގަ އެވެ. ނޯރާ އާއި އަރްޔަން ވެސް މި އަންހެން މީހާއާ އެކު ފޮޓޯ ނަގާފައި ހުރީ އެއް ތަނެއްގައި ތިބެ އެވެ.
މި ފޮޓޯތައް ވައިރަލް ވުމާއެކު އެ ޕާޓީގައި އެ ވަގުތު ތިބިކަމަށް ބުނާ ބައެއް މީހުން ވެސް ކޮމެންޓުކޮށް ނޯރާ އާއި ޝާހް ރުކްގެ ދަރިފުޅު ވަރަށް ގައިގޯޅިކޮށް އުޅެނިކޮށް ފެނުނު ކަމަށް ބުނެފައިވެ އެވެ. އަދި އާ އަހަރުގެ ރޭ އޮތް ރޭގަނޑުގެ ކެއުމާއި ޕާޓީގައި ދެ މީހުން އެކުގައި ގިނަ ވަގުތު އުޅެނިކޮށް ފެނުނު ކަމަށްވެސް ބައެއް މީހުންގެ ކޮމެންޓުތަކުގައި ވެއެވެ.
ނޯރާ އާއި އާރްޔަންގެ ވާހަކަ އަކީ ބައެއް ފޭނުންގެ ޚިޔާލުތަކާ ކުޅެލި އެމީހުން ވަރަށް އުފާވި ވާހަކައަކަށްވީއިރު އަނެއް ބަޔަކު މި ވާހަކަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރި އެވެ. އެ ވާހަކަ ގަބޫލުނުކުރާ މީހުން ބުނަނީ އެކުގައި ފޮޓޮއަކުން ފެނުމަކީ އަދި އެ މީހުންގެ މެދުގައި ޚާއްސަ ގުޅުމެއް އޮތުމެއް ނޫން ކަމަށެވެ.
އާރްޔަން ބޮލީވުޑަށް ނުކުތުމުގެ ތައްޔާރީތައް މިހާރު ވަނީ ފެށިފަ އެވެ. ނަމަވެސް އޭނާ ތައާރަފްވާނީ ބައްޕަ ފަދަ އެކްޓަރެއްގެ ގޮތުގައެއް ނޫނެވެ. ލިޔުންތެރިޔެއް އަދި ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އާރްޔަން އެންމެ ފުރަތަމަ އުފައްދަން ހަމަޖެހިފައިވަނީ އޭނާ އަމިއްލައަށް ލިޔެފައިވާ ސްކްރިޕްޓަކަށް އުފައްދާ ވެބް ސީރީޒް އެކެވެ.