ޝާހް ރުކް ޚާންގެ އާ ފިލްމު "ޕަތާން" ރިލީޒްކުރާނެ ދުވަހަކަށް އޭނާގެ ގިނަ ފޭނުން މިހާރު ދަނީ އިންތިޒާރު ކުރަމުންނެވެ. ފިލްމުގެ ޓްރެއިލާ ޖެނުއަރީ 10ގައި ރިލީޒްކުރާނެ ކަން އިއުލާން ކުރަމުން ޝާހް ރުކް ވަނީ ޓުވިޓާގައި "#އާސްކްއެސްއާރްކޭ" ގެ ދަށުން ފޭނުންނަށް އޭނާ އާ ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލައި ސެޝަނެއް ބާއްވާފަ އެވެ.
އަދި "ޕަތާން" އާ ބެހޭ ގޮތުން ފޭނުން ކުރި ވަރަށް ގިނަ ސުވާލުތަކަށް ޝާހް ރުކް ވަގުތުން ޖަވާބު ދީފައިވެ އެވެ. ޝާހް ރުކް އާ ސުވާލުކުރި ފޭނުންގެ ތެރެއިން އެކަކު އޭނާ ކައިރީ ބުނީ ފިލްމު ފްލޮޕްވާނެކަން ޔަގީންވާ ކަމަށެވެ. އަދި ޝާހް ރުކް ރިޓަޔާ ވުމަށް ވެސް އެމީހާ ވަނީ ޝާހް ރުކް އަށް މަޝްވަރާ ދީފަ އެވެ.
"ދަރިފުޅާ. ބޮޑެތި މީހުންނާ ތިގޮތަށް ވާހަކަ ދައްކާކަށް ނުވާނެ،" އެމީހާ އަށް މަޖާ ޖަވާބެއް ދެމުން ޝާހް ރުކް ބުނެފައިވެ އެވެ.
"ޕަތާން" ނާކާމިޔާބުވާނެ ކަމަށް މަދު ބަޔަކު ބުނި ނަމަވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ ފިލްމަކީ ޝާހް ރުކްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވާނެ އެވެ.
ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލު ތަކެއް ކުޅެފައިވާ މި ފިލްމުގެ ޓްރެއިލާ ދައްކަން ފެށުމާއެކު ފޭނުންގެ ހިތްތައް ވިރިގެން ދާނެ ކަމަށް ލަފާ ކުރާ މީހުން ވެސް ގިނަ އެވެ.
ދެލޯ ތަރަތަރަ ޖަހައިގެންދާ ވަރުގެ ރީތި މަންޒަރުތަކެއް ދައްކުވައިދޭ މި ޓްރެއިލާ ޝޫޓް ކޮށްފައިވަނީ ވެސް ދުނިޔޭގެ އެންމެ ރީތި ލޮކޭޝަން ތަކުގަ އެވެ.
މި ފިލްމުގައި ހިންދީ ފިލްމެއްގައި ހުންނަން ޖެހޭ ހުރިހާ ހަވާދަކާއި ފޮނިތޮށި ކާފޫރުތޮޅިއެއް އެކުލެވިގެން ވެއެވެ. އެކްޝަން އާއި ރޮމޭންސް އަދި ރީތި ލަވަ ތަކެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޔާޝް ރާޖް ފިލްމްސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި "ޕަތާން" ރިލީޒްކުރަން ދެ ހަފުތާ އަށް ކައިރިކޮށްލާފައި ފިލްމުގެ ޓްރެއިލާ ލޯންޗުކުރަން ޕްރޮޑިއުސަރުން ނިންމީ ފިލްމަށް ބެލުންތެރިން ހުރި ޝައުގުވެރިކަން އެތައް ގުނައަކަށް އިތުރު ކޮށްލެވޭނީ މިގޮތަށް ކަމަށް ގަބޫލު ކުރެވޭތީ އެވެ.
ޖެނުއަރީ 10 ގައި ޓްރެއިލާ ލޯންޗުކުރުމަށްފަހު އޭގެ ދެ ހަފުތާ ފަހުން "ޕަތާން" ބޮޑު ސްކްރީނަށް އަންނާނެ އެވެ.