އޭނާ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ސަޕޯޓަރުންނާ އޮތް ގުޅުން ގޯސް ކަމަށް ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.
ސައުތެމްޓަން އަތުން މިރޭ 1-0އިން ބަލިވި މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ބުނީ މެޗުން ބަލިވީ ނުކުޅެވިގެން ކަމަށާއި ޓީމު ދެއްކި ކުޅުމަށް ބަލާއިރު ސަޕޯޓަރުން އޭނާއަށް މަލާމާތް ކުރުމާމެދު ޝަކުވާއެއް ނެތް ކަމަށެވެ.
"ސަޕޯޓަރުން އަހަންނަށް މަލާމާތްކުރުން ހައްގު. އަހަރެންނަށް އެނގޭ އެމީހުންނާ އަހަރެންނާ ދުރުކަން. އެކަމަކު ފުޓްބޯޅަ އަކީ ޑިފެންސް ކުރުމެއް އެކަންޏެއްނޫން. ފުޓްބޯޅަ އަކީ ލަނޑު ޖަހަންޖެހޭ ކުޅިވަރެއް. އެކަން ނުކުރެވެންޏާ އަހަރެން ކުރާނެ ކަމެއްނޯންނާނެ. އަހަންނަށް ވާނެ ކަމަކީ ކުޅުންތެރިން ގޮވައިގެން އެކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުން،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ ސަޕޯޓަރުންގެ އުއްމީދުތައް ވަރަށް މަތި ކަމަށާއި އެކަން އެހެން އޮތއިރު ޓީމުގެ އިންޖަރީތައް ވެސް ގިނަ ކަމަށެވެ. އަދި މިއީ ބަދަލު ކުރެވޭނެ ކަމެއްނޫން ކަމަށާއި ނަތީޖާ ނެރެން މުޅި ޓީމު އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މި ސީޒަނަށް ފަހު ވެންހާލް މަގާމުން ވަކިކުރާނެ ކަމަށް ވާހަކަ ދެކެވޭތީވެ އޭނާ ބުނީ އެއީ ޓީމުގެ ނިންމުމެއް ކަމަށާއި ކޮންމެ ނިންމުމަކަށް ވެސް އިހްތިރާމް ކުރާނެ ކަމަށެވެ.
މި މެޗުން ބަލިވުމުން މެންޗެސްޓާ އޮތީ 37 ޕޮއިންޓާއެކު ފަސް ވަނާގަ އެވެ. ސައުތެމްޓަން އޮތީ 33 ޕޮއިންޓާއެކު އަށް ވަނާގަ އެވެ.
ޕްރެމިއާ ލީގުގައި ރޭ ލެސްޓާ ސިޓީ މޮޅުވީ ސްޓޯކް ސިޓީ އަތުން 3-0އިންނެވެ. ލަނޑު ޖެހީ ޖިމީ ވާޑީ އާއި ހޯސޭ ލިއޮނާޑޯ އާއި ޑެނިއަލް ޑްރިންކްވޯޓާ އެވެ.
މި މެޗުން މޮޅުވުމުން ލެސްޓާ އޮތީ ޓޭބަލުގެ އެއްވަނާގަ އެވެ. އެ ޓީމަށް 47 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނާގައިވަނީ 44 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެވެ. ވެސްޓްހޭމްއާ ވާދަކޮށް ސިޓީ ރޭ އެއްވަރުވީ 2-2އިންނެވެ.
ޓޭބަލުގެ ހަތަރުވަނާގައިވާ ޓޮޓެންހަމް ރޭ މޮޅުވީ ކްރިސްޓަލް ޕެލަސް އަތުން 3-1އިންނެވެ. މި މޮޅާއެކު ޓޮޓެންހަމް އަށް ވަނީ 42 ޕޮއިންޓް ހަމަކުރެވިފަ އެވެ.
ލީގުގައި މިރޭ ކުޅޭނީ ޗެލްސީ އާއި އާސެނަލް އެވެ. މި މެޗުން ކާމިޔާބުކޮށްފިނަމަ އާސެނަލް އަށް އެއްވަނަ ލިބޭނެ އެވެ. މެޗުން މޮޅުވިޔަސް ޗެލްސީ އޮންނާނީ 14 ވަނާގަ އެވެ.