އެއްވެސް ހަަމަނުޖެހުމަކާއި ނުލައި އެއް ސަރަހައްދެއްގައި ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީއާއި ޕީޕީއެމްގެ ދެ ޖަލްސާ ފާހަގަކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެތްތެރިކަމަށް ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ތައުރީފުކުރައްވައިފި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ޖަގަހައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޕްރައިޕަރީ ކެމްޕޭނު ޖަލްސާ ރޭ ކުރިއަށް ދިޔައިރު ހަމަ އެ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ އެއްވުމެއް ބާއްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އިން މި އެއްވުން ކުރިއަށް ގެންދިޔައީ އެމްޑީޕީގެ ޖަގަހަ ކުރިމަތީ އާޓިފިޝަލް ބީޗްގަ އެވެ.
މިކަން ފާހަގަކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ފަސްޓް ލޭޑީ ވިދާޅުވީ މި ސަރުކާރުގައި ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އޮތްކަން ރޭ ފެނިގެން ދިޔަ ކަމަށާއި ރެއަކީ ތާރީހީ ރެއެއް ކަމަށެވެ. އަދި އެއް ސަރަހައްދެއްގައި އިދިކޮޅު ޕާޓީން އެއްވުން ބޭއްވި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިގާ ކަމަށާއި ބާރުގެ ބޭނުންކޮށް އެއްވެސް މީހެއް ހައްޔަރުކޮށްފައި ނުވާކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވި އެވެ.
"ހަމަނުޖެހުމެއް ނުހިނގާ. ބާރުގެ ބޭނުން ނުކޮށް އިދިކޮޅު ޖަލްސާއަށް ހުރަހެއް ނާޅާ. ނުހުއްޓުވާ. މީހަކު ހައްޔަރެއް ނުކުރޭ،" ފަޒްނާގެ ވިދާޅުވެފައިވެ އެވެ.
މެޑަމް ފަޒްނާގެ މެސެޖުގައި ރައީސް ސޯލިހް ސިފަކުރައްވާފައިވަނީ ކެތްތެރިކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގަ އެވެ.
"އިބޫ - ދަ އިޕިޓޮމް އޮފް ޕޭޝަންސް" ރައީސްގެ ކެތްތެރިކަން ސިފަކުރައްވަމުން ފަޒްނާ ވިދާޅުވި އެވެ.
މެޑަމް ފަޒްނާ ރޭގެ ޖަލްސާއަށް އެމްޑީޕީ ހަރުގެ ސަރަހައްދަށް ވަޑައިގެންނެވި ނަމަވެސް އެކަމަނާ ހަރުގެ ތެރެއަށް ވަދެވަޑައިގެންފައެއް ނުވެ އެވެ.
ރައީސް ސޯލިހު ރޭ ދެއްކެވި ވާހަކަފުޅުގައި ވެސް ވަނީ އެމަނިކުފާނުގެ ޖަލްސާ ހިނގަމުން ދަނިކޮށް ހަމަ އެ ސަރަހައްދުގައި ޕީޕީއެމްގެ ޖަލްސާއެއް ހިނގަމުންދާތީ އެކަން ފާހަގަކުރައްވާފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ސުލްހަވެރިކަމާއި ހަމަހަމަކަން ގާއިމުކުރުމަށެވެ.
"ހިޔާލުފާޅުކުރުމާ އެއްވެ އުޅުމުގެ މިނިވަންކަން މިވަނީ ތަންމިނަށް ހުޅުވާލެވިފައި. ޖެހިގެން މިއޮތީ. ކުރިއަށް އެދަނީ،" އާޓިފިޝަލް ބީޗުގައި ކުރިއަށްދިޔަ ޕީޕީއެމްގެ އެއްވުމަށް އިޝާރާތް ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ހައްޔަރު ނުކޮށް އަދި ބަންދުނުކޮށް މިނިވަންކަން ދީގެން ވެސް ވެރިކަން ކުރެވޭނެކަން މި ސަރުކާރުން ސާބިތު ކޮށްދީފައިވާނެ ކަމަށެވެ.
ރޭ ދެ ޖަލްސާ އެއްވަގުތެއްގައި ކުރިއަށް ދިޔައިރު އެމްޑީޕީގެ ހަރުގެއަށް ވަޑައިގެން ރައީސް ސޯލިހް ވާހަކަދައްކަވަން ފެއްޓެވުމާ އެކު އިދިކޮޅު ކޯލިޝަން ހިންގެވުމުގައި މިވަގުތު އެންމެ އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ވަނީ ވަގުތުން ވާހަކަދައްކަވަން ފައްޓަވާފަ އެވެ. ނަމަވެސް، ދެ ޖަލްސާ ވެސް ނިންމާލީ އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ.