ރާއްޖެ ކުޅިވަރު

ސައުތު އޭޝިއަން ގޭމްސްގައި ނުކުޅެން އަފްގާނިސްތާން ނިންމައިފި

އިންޑިޔާގައި އަންނަ މަހު ފަށާ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ މުބާރާތުގައި ވާދަނުކުރަން އަފްގާނިސްތާން ނިންމައިފި އެވެ.

އެ ގައުމު މުބާރާތުން ވަކިވި ސަބަބެއް ނުބުނެ އެވެ. ނަމަވެސް އަފްގާނިސްތާން މުބާރާތުން ވަކިވުމުން މިހާރު ގޭމްސްގައި ޖުމުލައެކު ވާދަކުރާނީ ސާކުގެ އަށް ގައުމުގެ ތެރެއިން ހަ ގައުމަކުންނެވެ. އެއީ ގްރޫޕް އޭގައި ހިމެނެނޭ ރާއްޖެ އާއި ލަންކާ އަދި އިންޑިޔާ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ބޫޓާނާއި ނޭޕާލް އަދި ބަނގްލަދޭޝް އެވެ.

އަފްގާނިސްތާނަކީ އިންޑިޔާގައި މި މަހު ނިމުމު ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި އިންޑިޔާ އަތުން ބަލިވި ގައުމެވެ. ނަމަވެސް މުބާރާތުގެ ކުރިން އެމީހުން ވަނީ މީގެ ފަހުން ސާފް ޗެމްޕިއަންޝިޕުގައި ސީނިއާ ޓީމު ދެން ބައިވެރިނުކުރަން ނިންމައިފަ އެވެ. އެއީ ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން އާސިއާން ސަރަހައްދަށް ބަދަލުވާން ބޭނުންވެގެންނެވެ.