އަބްދުﷲ ޝާހިދު

މުޅި ދައުލަތާއި އެމްޑީޕީ އޮތީ ރައީސްގެ ފަހަތްޕުޅުގައި: ޝާހިދު

މުޅި ދިވެހި ދައުލަތާއި އެމްޑީޕީ ވެސް އޮތީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތްޕުޅުގައި ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މައި ޖަގަހައިގައި ރޭ އޮތް ރައީސް ސޯލިހުގެ ޕްރައިމަރީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ވެސް އިވެނީ ރައީސް ސޯލިހަށް ތާއީދުކުރާ އަޑު ކަމަށެވެ.

ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން އެކީ އަތުގުޅާލައިގެން 2023 ވަނަ އަހަރުވެސް ރައީސް ކަމުގެ މަގާމުގައި ބައިންދާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އުތުރުން ވެސް ދެކުނުން ވެސް މެދު ރާއްޖެެ ތެރެއިން ވެސް އުތުރި އަރާ އަޑަކީ ރައީސް ސޯލިހު ކުރިއަށް ވަޑައިގަންނަވާށޭ. މަނިކުފާނުގެ އަރިހުގައި މުޅި މި ދިވެހި ދައުލަތް ސާބިތުވެ އެބަ އޮންނެވި. އިއްޒަތްތެރި ރައީސް ކުރިއަށް ވަޑައިގަންނަވާ. ކުރިއަށް ވަޑައިގަންނަވާ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ހިތްޕުޅުގައި ދިވެހި ރައްޔިތުންނާއި މެދު އޮތް ލޯބި ކޮވިޑު-19ގެ ފުރަބަންދުގެ ދުވަސްވަރު ހާމަވެގެން ދިޔަ ކަމަށެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހިދުމަތްތައް ލިބޭތޯ ކަށަވަރުކުރެއްވުމުގައި ރައީސް ހޭދަކުރެއްވި ވަގުތު ޝާހިދު ފާހަގަކުރެއްވި އެވެ.

"ފުރަބަންދުގެ ދުވަސްވަރު އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ތަނަވަސް ކޮށްދެއްވުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވި. ދިވެހި ރައްޔިތުންނާ މެދު އެމަނިކުފާނު ކަންތައް ކުރެއްވީ ލޯބިވާ ބައްޕައެއް ދަރިންނާ މެދު ކަންތަން ކުރާ ފަދައިން،" ރައީސް ސޯހިލަށް ތައުރީފް ކުރައްވަމުން ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ރައީސްގެ ސަރުކާރުގައި ގެނައި ހެޔޮ ބަދަލު ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ވެރިކަމުގެ ނިޒާމުގެ ތެރެއަށް އަތްބާނަން އެމަނިކުފާނު މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި ބައިނައްލަގުވާމީ މައިދާނުގައި ރައީސް ސޯލިހު ވަނީ މި ގައުމު އެންމެ އުހަށް ގެންދަވާފައި ކަމަށްވެސް ވިދާޅުވި އެވެ.