ލައިފްސްޓައިލް

ސާޖިކަލް ޓޫލްސް ބަނޑުތެރެއަށް ދޫވާ މިންވަރު ރެކޯޑް އަދަދަކަށް އިތުރުވެއްޖެ

އިނގިރޭސި ވިލާތުގެ އެކި ހޮސްޕިޓަލުތަކުގައި ހަދާ ސާޖަރީތަކުގައި ޑޮކްޓަރުން ބޭނުންކުރާ ކަތުރާއި ތިލަ އާއި އެނޫންވެސް އެކި ފާޑުގެ ސާމާނުތައް (މެޑިކަލް ފޮރިން އޮބްޖެޓްސް) ބަލި މީހުންގެ ހަށިގަނޑު ތެރޭގައި ހަނދާން ނެތި ނުވަތަ ފަރުވާ ކުޑަ ކަމުން ނުނެގި ދޫވެފައި ހުންނަ މައްސަލަތައް ރެކޯޑް އަދަދަކަށް އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެ ގައުމުގެ ނެޝަނަލް ހެލްތު ސާވިސަސް އިން ހާމަކުރި ޑިޖިޓަލް ޑޭޓާގައި މި މައްސަލަ ގިނައިން ދިމާވަނީ ސަރުކާރު ހޮސްޕިޓަލުތަކުގައި ކަމެއް ޕްރައިވެޓް ހޮސްޕިޓަލް ތަކުގައި ކަމެއް ފާހަގަ ކޮށްފައެއް ނުވެ އެވެ. އަދި މިއީ ކޮން އިރަކު ކިހިނެއް ދިމާވާ ކަމެއް ކަންވެސް ހާމަކޮށްފައެއް ނުވެ އެވެ.

މިފަދަ އޮޅުންތައް އަރައި ގޯސްތައް ހެދުނަސް މިކަން އެނގެން ދުވަސް ނަގަ އެވެ. މިގޮތަށް ސާޖަރީ ހަދަން ބޭނުންކުރާ ކަތުރެއް ނުވަތަ ތިލައެއް ފަދަ އެއްޗެއް ބަނޑު ތެރޭގައި އެތައް ދުވަހަކު އޮންނަ ފަހުން ވެސް ބަލި މީހާއަށް މީގެ އުނދަގޫތައް ދިމާވެ އެވެ. އެހެންވެ މި ކަހަލަ ބައެއް ކަންކަން އެނގެނީ ސާޖަރީ ހަދާތާ ހަފުތާ ތަކެއް ފަހުންނެވެ. ނުވަތަ އެތައް މަހެއް އެތައް އަހަރެން ފަހުން ވެސް މި ކަހަލަ ކަންތައްތައް އެނގިފައި އެބަހުއްޓެވެ.

ފާއިތުވީ 20 ވަރަކަށް އަހަރުގެ ނަތީޖާއަށް ބަލާއިރު އެންމެ ފަހުން ރެކޯޑް ކުރެވުނު 291 ކޭހަކީ އާ ރެކޯޑެކެވެ. ކްލިނީޝަނުންގެ ރެކޯޑް ތަކަށް ބަލާއިރު 2003-2004ގައި ރެކޯޑް ކުރެވިފައިވަނީ މިފަދަ 138 އެޕިސޯޑެކެވެ. ނަމަވެސް 2001-2002 ގައި ފޮރިން އޮބްޖެކްޓް 156 ކޭސް ރެކޯޑް ކުރެވިފައި ވެއެވެ.

މިގޮތުން ބަލިމީހާގެ ހަށިގަނޑަށް ދޫކުރެވިފައި ހުރި ތަކެތީގެ ތެރޭގައި ސްވޯބާއި ގޯޒް، ސާޖިކަލް ޑިވައިސްގެ ތެރޭގައި ހިމެނޭ ޑްރިލް ބިޓްސް ފަދަ ތަކެތި ހިމެނެ އެވެ.

މި މައްސަލަ ދިމާވެފައިވާ އުމުރުން 90ގެ އަހަރު ތަކުގެ މީހުން ހިމެނުނުއިރު ތުއްތު ކުދިންނަށް ވެސް މިކަން ކުރިމަތިވެފައި އެބަހުރިކަން ޑޭޓާތަކުން ހާމަވެ އެވެ.

މިކަހަލަ ކަންކަން ދިމާވިޔަ ނުދޭން ހޮސްޕިޓަލުން ވަރަށް ވަރުގަދަ ގަވާއިދުތައް ހަދާފައި ހުރެ އެވެ. އެ ގަވާއިދުތައް ފޮލޯ ކުރާނަމަ މިކަންކަން ދިމަލެއް ނުވީހެވެ.

މި ގަވާއިދުގެ ތެރޭގައި ސާޖިކަލް ޗެކްލިސްޓް ތައްޔާރުކުރުމާއި ސާޖަރީގައި ބޭނުންކުރާ ހުރިހާ ޓޫލްސްތައް ހަމަތޯ އެތައް ފަހަރަކު ގުނާ ޔަގީންކުރުން ހިމެނެ އެވެ. މި ގަވާއިދަށް އަމަލުކޮށް ސާޖަރީގެ ކުރިން ބޭނުންކުރާނެ ހުރިހާ އެއްޗެއް ޗެކް ލިސްޓުގައި ލިޔެ އެ ތަކެތި ބޭނުންކުރުމަށްފަހު ގުނައިގެން ތަކެތި ހަމަތޯ ރަނގަޅަށް ޔަގީންކުރާނަމަ މިފަދަ ކަންކަން ކުރިމައްޗެއް ނުވީސްކަން ރިޕޯޓުގައި ވެއެވެ.

މިކަން ގިނައިން މެދުވެރިވަނީ ސިއްހީ އެހީތެރިން މަދުވުމާއި ހޮސްޕިޓަލުތަކަށް ކުޅަދާނަ ނުވާ މިންވަރަށް ބަލި މީހުން ގިނަވުމުންނެވެ.

ވަރަށް ފަހުން ވެސް މިފަދަ ހާދިސާއެއް ޔޫކޭގެ އަންހެނަކަށް ދިމާވި އެވެ. އޭނާ އޯވަރީޒް ނެގުމަށް 2016ގައި ސާޖަރީއެއް ހެދިއިރު ސާޖިކަލް ބްލޭޑެއްގެ އެއްބައި އޭނާގެ ބަނޑުތެރެއަށް ދޫވެފައި އިނދެގެންނެވެ.

"ސާޖަރީއަށްފަހު އަހަންނަށް ހޭލެވުނުއިރުވެސް ބަނޑުތެރޭގައި ކޮންމެވެސް އެއްޗެއް އިންކަން އަހަންނަށް އިހްސާސްވޭ. އެމީހުން އަހަރެންގެ ބަނޑު ކަފަން ގެންގުޅުނު ވަޅި ބިންދައިގެން ގޮސް އޭގެ އެއްބައި އަހަރެންގެ ބަނޑުތެރޭގައި އޮއްވާ އެމީހުން އަހަރެންގެ ބަނޑު ފެހީ،" އެމީހާ ބުންޏެވެ.

އެ ތިލައިގެ އެއްބައި އެމީހާގެ ބަނޑުގައި ފަސް ދުވަސް ވަންދެން އޮތެވެ. އަދި މިކަމުގެ ސަބަބުން އެމީހާއަށް އިތުރު ދެ ހަފުތާ ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ.