ފުލުހުންގެ ޕޮލިސް ކޮންސްޓެބަލްގެ މަގާމަށް ވަންނަން އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ފުލުހުންގެ ވަޒީފާއަށް ފޯމު ހުށަހެޅުމަށް ހުޅުވާލީ ނިމިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އަދި މި މަހު 15 ވަނަ ދުވަހުގެ 4:00 ނިލަޔަށް މި މަގާމަށް ވަންނަން ފޯމު ހުށަހެޅޭނެ އެވެ.
ފުލުހުންގެ ވަޒީފާއަށް ވަދެވޭނީ އުމުރުން 18 އަހަރާއި 39 އަހަރާއި ދެމެދުގެ އެސްއެސްސީ އިމްތިހާން ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތް މީހުންނަށެވެ. ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާއި ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވެސް މި މަގާމަށް ކުރިމަތިލެވޭނެ އެވެ.
މީގެ އިތުރުން ޝަރުތު ހަމަވާ މީހަކީ ފިރިހެނެއް ނަމަ އިސްކޮޅުން ފަސް ފޫޓު ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ފަސް ފޫޓު ހަމާވަން ޖެހޭނެ އެވެ. ނަމަވެސް، އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލްގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓު އެއް އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ހަތަރު ފޫޓު އަށް އިންޗި ހަމަވާންޖެހޭނެ އެވެ.
މި ވަޒީފާއަށް ކުރިމަތިލާ މީހަކަށް ދެވޭ އެސެސްމެންޓްތަކުން ވެސް ފާސްވާންޖެހޭނެ އެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ދެވޭނެ އެސެސްމެންޓުތައް:
- ބެކްގްރައުންޑް އެސެސްމެންޓް
- ފިޒިކަލް ފިޓްނަސް އެސެސްމަންޓް
- ފެތުމުގެ އެސެސްމަންޓް
- އެޕްޓިޓިއުޑް ޓެސްޓް
- އިންޓަވިއު
- ޕޮލިގްރަފީ ޓެސްޓް
- މެޑިކަލް އެގްޒަމިނޭޝަން
ޕޮލިސް ކޮންސްޓެބަލެއްގެ މުސާރައަކީ ޖުމުލަ 11،810 ރުފިޔާ އެވެ.
މި ވަޒީފާއަށް ރެކްރޫޓްކުރެވޭ ދުވަހުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން، ސާވިސް އެލަވަންސް، ނޮން ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާ ބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ އެވެ.
މުސާރަ ބެހިގެންވާ ގޮތް:
- އަސާސީ މުސާރަ: 4,650 ރުފިޔާ
- ސާވިސް އެލަވަންސް: 5,000 ރުފިޔާ
- ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ 40 ފަސެންޓު (1,860 ރުފިޔާ)
- ޔުނީފޯމް އެލަވަންސް: 300 ރުފިޔާ