ބޮލީވުޑް

ސުހާނާ އާއި އަގަސްތަޔާ: ހުވަފެނީ ޖޯޑެއް

އަމީތާބު ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތުޔާ ނަންދާ އާއި ޝާހް ރުކް ޚާންގެ އަންހެން ދަރިފުޅު ސުހާނާ ޚާން އަކީ ހަގީގީ ލޯބިވެރިން ކަމަށް ބުނެފި ކަމަށް މި ވާހަކަ ގަބޫލުކުރާނެ މީހުން ވަރަށް ވެސް މަދުވާނެ އެވެ.

"ދި އާޗީޒް" އިން ބޮލީވުޑަށް ތައާރަފްވާން މިހާރު ތައްޔާރުވަމުން އަންނަ މި ސްޓާ ކިޑްސްގެ ލޯބީގެ ވާހަކަ ދައްކަނީ އެ މީހުން ކުޅެފައިވާ ފިލްމު ރިލީޒްވާން ކައިރިވާތީ ފިލްމު ޕްރޮމޯޓްކުރަން ކަމަށް ވަރަށް ގިނަ ބަޔަކަށް ވަނީ ހީވެފަ އެވެ. ނަމަވެސް ހިންދުސްތާން ޓައިމްސްގައިވާ ރިޕޯޓެއް ބުނާ ގޮތުގައި ކިތަންމެ ގަބޫލުކުރަން ދަތިވިޔަސް ސުހާނާ އާއި އަގަސްތުޔާ އަކީ މިހާރު ހަގީގީ ދެ ލޯބިވެރިންނެވެ.

ވަރަށް ފަހުން ބޭއްވި ޕާޓީއެއްގައި އަގަސްތުޔާ އޭނާގެ އެކުވެރިންނަށް ސުހާނާ ތައާރަފްކޮށްދިނީ ލޯބިވެރިޔާގެ ގޮތުގައި ކަމަށްވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ.

މިދިޔަ އަހަރުގެ އޮގަސްޓުން ފެށިގެން މި ވާހަކަ މަޑުމަޑުން މީހުން ވަނީ ދައްކަން ފަށާފަ އެވެ. ނަމަވެސް މިއީ ތެދު ވާހަކައެއްކަން މުޅިން ޔަގީން ކުރެވުނީ ކްރިސްމަސް ފާހަގަކުރަން ކަޕޫރު އާއިލާއިން (ރާޖް ކަޕޫރު) އިން ބޭއްވި ޕާޓީއެއްގައި އަގަސްތުޔާ އޭނާގެ ލޯބިވެރިނާގެ ގޮތުގައި މުޅި އާއިލާއަށް ސުހާނާ ތައާރަފް ކޮށްދިނީމަ އެވެ.

އަގަސްތުޔާގެ ބައްޕަ އަކީ ރާޖްކަޕޫރުގެ އަންހެން ދަރިއެއްގެ ދަރިއެކެވެ. އޭނާގެ މަންމަ އަކީ އަމީތާބުގެ އަންހެން ދަރިފުޅު ޝްވޭތާ ނަންދާ އެވެ. އެހެންކަމުން އަގަސްތުޔާ އަކީ ކަޕޫރު އާއިލާގެ އަދި ބައްޗަން އާއިލާގެ ވެސް މެމްބަރެކެވެ.

ޒޯޔާ އަޚްތަރު ޑައިރެކްޓްކުރާ "ދި އާޗީޒް"ގެ ސެޓުގައި މަސައްކަތްކުރި މީހަކު ވެސް މި ވާހަކަ ޔަގީންކޮށްދީފައި ވެއެވެ. އޭނާ ބުނި ގޮތުގައި ފިލްމު ސެޓުގައި ސުހާނާ، 22، އާއި އަގަސްތުޔާ، 22، އުޅޭ ގޮތުން އެއީ ދެ ލޯބިވެރިންކަން ހާމަވާ ކަމަށެވެ.

"ދި އާޗީޒް" ސެޓުގައި މަސައްކަތްކުރި މީހާ ބުނީ ފިލްމުގެ މަސައްކަތް ފެށުމާ އެކު ކަހަލަ ގޮތަކަށް މި ދެ ސްޓާ ކިޑުންގެ ގުޅުން ބަދަހިވާން ފެށި ކަމަށެވެ. ގިނަ ވަގުތު އެކުގައި ހޭދަކުރަމުންދިޔައިރު އެމީހުންގެ ގުޅުން ފޮރުވަން ސުހާނާ ވެސް އަގަސްތުޔާ ވެސް މަސައްކަތް ނުކުރާ ކަމަށްވެސް އެމީހާ ބުންޏެވެ.

އޮގަސްޓް 2022 އިން ފެށިގެން މި ޒުވާން ދެ ތަރިންގެ ގުޅުމުގައި ލޯބީގެ ސިފަ ޖެހިފައިވާކަން "ދި އާޗީޒް" ޕްރޮޑިއުސްކުރާ ޕްރޮޑަކްޝަން ހައުސްގެ އެންމެންނަށް ކަހަލަ ގޮތަކަށް ވެސް އެނގެ އެވެ. ނަމަވެސް އެންމެންނަށް އެނގުނަސް އެމީހުންގެ ގުޅުން ރަސްމީ ކުރާކަށް އަދި މި ޒުވާނުން ބޭނުމެއް ނޫނެވެ. އެމީހުންގެ އުމުރު ހަގު ކަމުންނެވެ.

އަގަސްތުޔާގެ މަންމަ ޝްވޭތާ އަބަދުވެސް ސުހާނާ ދެކެ ވަރަށް ލޯބިވާ ކަމަށާއި އޭނާގެ ދަރިފުޅާއި ސުހާނާގެ ގުޅުމާ މެދު އުފާކުރާ ކަމަށްވެސް މައުލޫމާތު ދިން މީހާ ބުނެފައިވެ އެވެ.