ހަބަރު

ފަރިވާ ފިހާރަ އަނދައި ހުލިވިއިރު އަޖާއިބަކީ ނޭނދި މުސްހަފެއްގެ ވާހަކަ!

މާތްﷲގެ ކުޅަދުންވަތަކަމަކީ އެކަމެއް އަބަދުވެސް ލޯމައްޗަށް ފެންނަ ހުންނަ ކަންކަމެވެ. ނަމަވެސް އެކަންކަމަށް ގިނަ ފަހަރަށް ސަމާލުކަމެއް ނުދެވެއެވެ. ސާމަލުކަން ދެވެނީ އާދަޔާ ހިލާފު ކަމެއް ވެއްޖެނަމަ އެވެ. އެގޮތުން މޭވާއެއް ފަޅާލާއިރު އެ މޭވާއެއްގެ އެތެރޭގައި "ﷲ" ގެ އިސްމުފުޅު ލިޔެވިފައި ހުރުން ކަހަލަ ކަންކަމަކީ އެކަމަށް ދިވެހިންގެ ސަމާލުކަން ހޯދާ ކަންކަމެވެ.

މިދިޔަ އަހަރު ވެސް މިފަދަ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން މާތް ﷲ ގެ އިސްމުފުޅާއި ކީރިތި ރަސޫލާގެ ނަންފުޅު ލިޔެވިފައިވާ "ކަރައެއް" މ. ނާލާފުށިން ފެނިފައިވެއެވެ. އަދި ޏ. ފުވައްމުލަކު ދޯންޏަކަށް "ﷲ" ގެ އިސްމުފުޅު ލިޔެވިފައިވާ ކަންނެލި މަހެއް ވެސް ބާނާފައިވެއެވެ. 

މި ދެ ކަމަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނުއިރު އެ ކަރަޔާއި މަސް ބަލާލުމަށް އެތައް ބަޔަކު އެއްވި އެވެ.

މިފަހަރު ތަފާތު ކަމެކެވެ. ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުން މިފަދަ ހާދިސާތައް ހިނގާފައިވާ ކަމަށް ޚަބަރުތައް ލިބިފައިވެއެވެ. އަދި އެފަދަ ފޮޓޯތައް ވެސް މީޑިއާގައި ދައުރުވެފައިވެ އެވެ. އެފަދަ ފޮޓޯތަކަކީ ދިވެހިން ގިނައިން ޝެއާ ވެސް ކުރާ ފޮޓޯތަކެކެވެ. އެފަދަ ކަމެއް ރާއްޖޭގައި ވެސް މިވަނީ ހިނގާފަ އެވެ.

މާފަންނު ފާމްދޭރި ހިނގުމުގައި ގުލޯރިއާގޭގައި ހަދައި ހިންގަމުން އައި "ފަރިވާ" ފިހާރައިގައި އަލިފަން ރޯވެ އެއްކޮށް އަނދާފައިވަނިކޮށް އެ ފިހާރަ ތެރެއިން އަޖާއިބުކުރުވަނިވި ކަމެއް ވަނީ ފެނިފަ އެވެ. ފިހާރަ އަނދައި ހުލިވިއިރު ވެސް އެތަނުގައި އޮތް ހަތިމަކަށް ހަމަ އެއްގޮތެއް ވެސް ނުވެ އެވެ.

ނާދައި އޮތް ކީރިތި ޤުރުއާންގެ މި މުސްހަފެއް ފެނި، އެ މުސްހަފުގެ ފޮޓޯތައް މިވަނީ އާންމުވެފައެވެ.

ފަރިވާގެ ވެރިޔާ ހުސެއިން ރަޝީދު (މަހުމާ)ގެ ދަރިފުޅު ހަސަން ނިޔާޒު ރަޝީދު "އަވަސް" އަށް މައުލޫމާތު ދެމުން ބުނީ މުސްހަފު ފެނުނީ ރޯވި ދުވަހު ކަމަށާއި ފިހާރައިގެ ވަރަށް އެތެރޭގައި އޮތް ނަމަވެސް މުސްހަފު އަނދާފައިނުވާ ކަމަށެވެ. އޭނާ ބުނީ މުސްހަފު މިހާރު ވަނީ ރައްކާތެރިކަމާއެކު ބާއްވާފައި ކަމަށާއި މުސްހަފުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއްވެފައިނުވާ ކަމަށެވެ. 

"އެދުވަހު މެންދުރުފަހު ފެނުނީ، ޤުރުއާން ލިޔެފައި ހުރި އެއްވެސް ގަނޑަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް، ހަމަ ބަރާބަރަށް ބޭނުންކުރެވޭނެ އަދިވެސް، ބޭރު ބަނޑޭރި އަށް ކުޑަކޮށް ގެއްލުންވެފަ ހުރީ" ނިޔާޒު ބުންޏެވެ.

މިފަދަ ކަންކަމަކީ މާތްﷲ ކުޅަދުންވަންތަކަން ހިތްތަކަށް ވައްދައިދޭ ކަންކަމަށްވާއިރު މިފަދަ ކަންކަމާ ބިރުވެތިވެ އެކަލާނގެއަށް ކިޔަމަންވެ އުޅުން އިސްލާހުކުރުމަކީ މުހިންމު ކަމެކެވެ.