އާދަޔާޚިލާފު ހުނަރު ލިބިފައިވާ "ސުޕަހީރޯ" އޭ މި ކިޔާ ޒާތުގެ މީހުން ދުނިޔޭގައި މަދުން ނަމަވެސް އުޅެ އެވެ. މިފަދަ ބައެއް މީހުންގެ ހަށިގަނޑުގައި އާދަޔާޚިލާފު ބާރު ހުރެ އެވެ. އަދި ބައެއް މީހުންނަށް އާދައިގެ އިންސާނުންނަށް ލިބިފައި ނުވާ ކަހަލަ ކޮންމެވެސް ކަހަލަ ސުޕަ ޕަވާ އެއް ލިބިފައި ހުރެ އެވެ.
މިފަހަރުގެ ރިޕޯޓުގައި މި ގެނެސްދިނީ ނޭފަތުގައި އާދަޔާޚިލާފަށް ވަސް ދުވުމުގެ ބާރެއް ހުރި އަންހެނެއްގެ ވާހަކަ އެވެ.
އޮސްޓްރޭލިއާގެ ޕާތުގައި ދިރިއުޅޭ 72 އަހަރުގެ ޖޯއީ މިލްނޭ އަކީ ހަގީގީ ސުޕަހީރޯ އެކެވެ. އޭނާއަށް ލިބިފައިވާ މި އާދަޔާޚިލާފު ބާރު އޭނާ ބޭނުންކުރަނީ ހެޔޮ ގޮތުގަ އެވެ. އޭނާގެ ކިބައިގައި ވަސް ބަލައިގެން ބަލި ބަލި ދެނެގަތުމުގެ ގާބިލްކަން އެބަހުރި ކަމަށް ވެއެވެ.
ޖޯއީގެ ފިރިމީހާގެ ޕާކިންސަން ޑިޒީޒްގެ ވަސް އޭނާއަށް ދުވާތާ ކިތަންމެ އަހަރެކެވެ. ޖޯއީގެ ފިރިމީހާގެ ގައިގައި އެ ބަލި ހުރިކަން ޑޮކްޓަރުންނަށް ދެނެގަނެވުނީ ޖޯއި އަށް އެވަސް ދުވިތާ 10 އަހަރު ފަހުންނެވެ. މިހާރު ޖޯއީ މަސައްކަތްކުރަނީ ޑޮކްޓަރުންނާ އެކުގަ އެވެ. ވަސް ބަލައިގެން ބަލި ދެނެގަތުމުގައި އެހީތެރިވުމަށެވެ.
ޖޯއީ އަކީ ވަސް ބެލުމުގެ އާދަޔާޚިލާފު ގާބިލްކަމެއް ލިބިފައިވާ "ސުޕަ ސްނިފާ"އެއްކަން އޭނާއަށް ނޭނގި މުޅި އުމުރުވެސް ހޭދަވުމަކީ އެކަށީގެންވާ ކަމެކެވެ.
ޖޯއީ އޭނާގެ ފިރިމީހާ ލެސް މިލްނޭ އާ ބައްދަލުވިއިރު އޭނާގެ އުމުރުން 16 ނުވަތަ 17 އަހަރެވެ. ދެ މީހުން ވެސް ކިޔަވަމުން ދިޔައީ ހައި ސްކޫލްގަ އެވެ. އޭނާ ބުނި ގޮތުގައި ޕާޓީއެއްގައި ލެސްއާ އެކު ނެށި ފަހަރަކު އޭނާއަށް ލެސްގެ ގައިން މީރު ވަހެއް ދުވި އެވެ. އެހާ ބޮޑަށް ލެސް އަށް އޭނާގެ ހިތް ދެވުނީ އެހެންވެ އެވެ.
"އޭނާގެ ގައިން ދުވީ ފިރިހެން މަސްކް ވަހެއް. އެކި މީހުންނަށް މީރުވަސް ދުވާނީ އެކި ކަހަލަ ވަހުގައި. އަހަންނަށް ލެސްގެ ގައިން ދުވި ވާހަކީ ވަރަށް މީރު ވަހަކަށް ވީ،" ޖޯއީ ބުންޏެވެ.
އޭނާގެ ކިބައިގައި ވަސް ދެނެގަތުމުގެ އާދަޔާޚިލާފު ގާބިލްކަމެއް ހުރިކަން ޖޯއި އަށް ފުރަތަމަ އިހްސާސް ކުރެވެން ފެށީ އޭރު އެވެ.
ޖޯއީ އާއި ލެސް ކައިވެނިކޮށް ދެ މީހުންނަށް ތިން ދަރިން ލިބިފައި ވެއެވެ. ދެ މީހުންގެ ދިރިއުޅުން ވަރަށް އުފާވެރި އެވެ. ލެސް ކިޔަވައިގެން ވީ ޑޮކްޓަރަކަށެވެ. ޖޯއީ ވީ ނަރުހަކަށެވެ. ކައިވެންޏަށް 10 އަހަރު ފަހުން ޖޯއީ އަށް އޭނާގެ ފިރިމީހާގެ ގައިން ދުވާ ވަހަށް ބަދަލު އައިކަން އިހްސާސް ވިއެވެ.
"އެއްދުވަހަކު އަހަންނަށް ފާހަގަ ކުރެވުނު ލެސްގެ ގައިން ދުވާ ވަހަށް ބަދަލެއް އަތުވެއްޖެކަން. ފަހުން އަހަންނަށް ދުވަން ފެށީ ޔީސްޓުން ދުވާ ކަހަލަ ނުބައި ވަހެއް،" ޖޯއީ ބުންޏެވެ.
ޖޯއީ ހީކުރީ އެއީ ހޮސްޕިޓަލުގައި ގިނަ ވަގުތު އުޅޭތީ އެ ތަނުން ފިރިމީހާގެ ގައިގައި ހިފާފައި ހުރި ވަހެއް ކަމަށެވެ. ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް ހަފުތާ އަކަށް ވުރެ ހަފުތާއެއް އަދި މަހަކަށް ވުރެ މަހެއް މި ވަސް ގަދަވަމުންދިޔަ ކަން އޭނާއަށް ފާހަގަ ވަމުން ދިޔަ އެވެ.
މި ވަހާ ހެދި ޖޯއީ އަށް އުނދަގޫވެ ފިރިމީހާ ކައިރީގައި ފެންވަރާށޭ ގިނަގިނައިން ކިޔެން ފެށުނެވެ. އެންމެ ފަހުން ޖޯއީ މިހެން ކިޔާވަރުން ލެސް ގާތަށް ރުޅި އަންނަން ފެށި އެވެ. ސަބަބަކީ ޖޯއީ އަށް ވަހެއް ދުވިޔަސް އޭނާއަށް އޭނާގެ ގައިން އެއްވެސް ނުބައި ވަހެއް ނުދުވާތީ އެވެ.
ލެސް ރުޅިއަންނަން ފެށުމުން ޖޯއި އެ ވާހަކަ ދެއްކުން ހުއްޓާލި އެވެ. ނަމަވެސް އޭނާއަށް ދުވާ ވަސް ދުވަހެއް ދުވަހަކަށް ގަދަވާކަން ޖޯއީ އަށް ފާހަގަ ކުރެވުނެވެ.
ވަހުގެ އިތުރުން ލެސްގެ މިޒާޖަށް ވެސް ބަދަލު އަންނަކަން ޖޯއީ އަށް ފާހަގަ ކުރެވުނެވެ. ކުރިން ވަރަށް މަޖާކޮށް އުޅުނު ކެތްތެރި މީހާ ކުއްލިއަކަށް ކެތް ނުކުރެވިގެން އުޅޭ މޫޑީ މީހަކަށް ބަދަލުވީމަ އެވެ.
އުމުރުން 40 އަހަރަށް ވުރެ މައްޗަށް ދިޔައިރު ލެސްގެ ކިބައިގައި ހުރި ޖޯއީ ލޯބިވި ގިނަ ސިފަތަކެއް ނެތި ހިނގައްޖެ އެވެ. ދެ މީހުން ޒުވާބުކުރުން އިތުރުވެ އެއް ރެއަކު ވަރިފަށަށް އަރާ ހިސާބަށް ކަންތައް ދިޔަ އެވެ.
އެއްރެއަކު ޖޯއީ ނިދާފައި އޮވެފައި ހޭލެވުނީ ފިރިމީހާ އޭނާއަށް ހަމަލަ ދެނިކޮށެވެ. އޭރު ފާޑަކަށް އޭނާ ހަޅޭއްލަވަމުން ދިޔަ އެވެ. މިއީ ބިރުވެރި ހުވަފެނެއް ފެނިގެން އޭނާއަށް ކުރެވުނު ކަމެއް ކަމަށް ދެ މީހުންނަށް ވެސް ގަބޫލު ކުރެވުނެވެ.
މި ހާދިސާއަށްފަހު ޖޯއީގެ ފިރިމީހާ ޑޮކްޓަރަށް ދައްކައި ޓެސްޓްތައް ހެދުމުން ޕާކިންސަން ޑިޒީޒް (ތުރުތުރުލާ ބަލި) ހުރިކަން އެނގުނެވެ.
ޕާކިންސަން ޑީޒީޒްގެ ސަޕޯޓް ގްރޫޕެއްގެ މެމްބަރުންނާ ޖޯއީ އަށް ބައްދަލުވުމުން އެމީހުން ގައިން ވެސް ޖޯއީ އަށް އޭނާގެ ފިރިމީހާގެ ގައިން ދުވި ވަސް ދުވި އެވެ. މިއީ މި ބަލި ޖެހޭ މީހުންގެ ގައިން ދުވާ ވަހެއްކަން އޭނާއަށް ދެނެގަނެވުނީ އެހެންވެ އެވެ.
ޖޯއީގެ ކިބައިގައި ޕާކިންސަން ޑިޒީޒް ދެނެގަތުމުގެ ކުޅަދާނަކަން ހުރިކަން ޔަގީންކުރަން ރިސާޗަރުން ވެސް ދިރާސާއެއް ހެދި އެވެ. ޕާކިންސަން ޖެހިފައި ތިބި ބަޔަކާއި ނުޖެހޭ ބަޔަކު ލާފައި ހުރި ޓީޝާޓް ތަކަކުން ބަލި ޖެހިފައިވާ މީހުން ދެނެގަންނަން ބުނެގެންނެވެ.
ޖޯއީ ވަނީ ޓީޝާޓް ވަސް ބަލައިގެން ބަލި ހުރި މީހުންގެ ޓީޝާޓް ވަކިކޮށްފަ އެވެ. އަދި އެމީހުންގެ ހަށިގަނޑުގައި ބަލި ހުރި މިންވަރު ވެސް އޭނާ ބަރާބަރަށް ދެނެގަނެފައި ވެއެވެ.
ޖޯއީގެ ކިބައިގައި މި ހުނަރު ހުރިކަން އެނގުމުން ޕާކިންސަން ޑިޒީޒް ޖެހޭ މީހުން ބަލީގެ ވަރަށް ކުރީކޮޅު ހޯދި އެމީހުންނަށް އެކަށީގެންވާ ފަރުވާ އާއި ތެރަޕީ ދެވޭނެ މަގު ފަހިވެގެން ދާނެކަމަށް ރިސާޗަރުން ބުނެފައި ވެއެވެ.
ޖޯއީގެ މި ގާބިލްކަމުގެ ބައެއް ހެކިތައް ވެސް ފެނިފައި ވެއެވެ. އެއީ މީހާގެ ގައިން ދުވާ ވަހާއި އޭނާގެ ހަށިގަނޑުގައި ހުންނަ ބަލިތަކާއި ހުރި ގުޅުމެވެ. ނަމަވެސް ވަހާއި އެމީހާގެ ބައްޔާ ސީދާ ނުގުޅޭ ސަބަބަކީ އެހެން ބައެއް ފެކްޓާތަކާ ވެސް މިކަމާ ގުޅުން އޮންނާތީ އެވެ.
ސައިންސްވެރިން އެއްބަސްވާ ގޮތުގައި ގައިން ދުވާ ވަހުން ބަލި ދެނެގަނެވިދާނެތޯ އިތުރު ދިރާސާތަކެއް ކުރަން ޖެހެ އެވެ.
ކުއްތާއަށް ވެސް ޕާކިންސަން ޑިޒީޒް ދެނެގަންނަން އެނގޭ ކަމަށް ސައިންސްވެރިން މީގެ ކުރިން ހޯދާފައިވާ ހޯދުމަކުން ވަނީ ހާމަވެފަ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ގިނަ އަދަދެއްގެ ސައިންސްވެރިންނާއެކު ޖޯއީ މިހާރު ގެންދަނީ އޭނާގެ ވަސް ދުވުމުގެ ގާބިލްކަމުގެ ބޭނުންކޮށްގެން އާ ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި ރިސާޗް ކުރިޔަށްދާއިރު ވަރަށް އަޖައިބެއް ކަހަލަ ކުރިއެރުންތައް ދިރާސާއަށް ލިބެމުންދާކަމަށް ވެއެވެ.
އެކި ސައިންސްވެރިންނާއެކު މަސައްކަތް ކުރަން ފެށުމުން ޖޯއީ އަށް ފާހަގަ ކުރެވުނު އެއް ކަމަކީ އޭނާއަށް ޕާކިންސަން ޑިޒީޒް ނޫނަސް ވަރަށް ގިނަ ބަލިތައް ވަސް ބަލައިގެން ދެނެގަނެވޭ ކަމަށެވެ. އެގޮތުން ޓީއުބަކިއުލޯސިސް (ޓީބީ)، އަލްޒައިމާ ޑިޒީޒް (ހަނދާން ނެތޭ ބަލި) އަދި ކެންސަރާއި ޑައިބެޓީސް (ހަކުރުބަލި)ވެސް ބަލި ޖެހިފައިވާ މީހުންގެ ގައިން ދުވާ ވަސް ބަލައިގެން އޭނާ އަށް ދެނެގަނެވޭ ކަމަށް ޖޯއީ ބުންޏެވެ.
މިހާރު ޖޯއީގެ ފިރިމީހާ ލެސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. ލެސް މަރުވުމުގެ ކުރިން ޖޯއީ ލައްވާ ވައުދެއް ކުރުވި އެވެ. އޭނާގެ ނޭފަތުގައި ހުރި ކުޅަދާނަކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާ އިންސާނިއްޔަތަށް ވެވުނު ޚިދުމަތެއް ކޮށްދިނުމުގެ ވައުދެވެ. ފިރިމީހާގެ އެންމެ ފަހުގެ ވަސިއްޔަތް ފުރިހަމަ ކުރުމާއެކު ސައިންސްވެރިންނަށް އެހީތެރިވެދެވޭތީ ޖޯއީ ހުރީ އުފަލުންނެވެ.
ޖޯއީގެ މި ގާބިލްކަން ހުރި ގޮތް ބަލައި މިފަދަ ޑިވައިސް އެއް އުފެއްދޭތޯ ސައިންސްވެރިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޕާކިންސަން ޑިޒީޒް އާއި އެނޫންވެސް ބަލިތައް މީހާގެ ހަންގަނޑުގައި ހުންނަ ކަމްޕައުންޑްގެ ވަހުން ދެނެގަތުމުގެ ގާބިލްކަން މި ޑިވައިސްގައި ހުންނާނެ އެވެ.
މިފަދަ "އީ-ނޯސް" ޑިވައިސް އެއް އުފެއްދިއްޖެނަމަ މިއީ ބަލިތައް އަވަހަށް ފަސޭހައިން ދެނެގަތުމަށް ކުރިއަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. އަދި ޕާކިންސަން ޑިޒީޒް ކަހަލަ ބަލިތަކަކީ ފަރުވާއެއް ނެތް ބަލިތައް ނަމަވެސް ބަލީގެ ކުރީކޮޅު އެނގިއްޖެނަމަ އެ ބަލި ޖެހޭ މީހުންނަށް ބޮޑުވަރު ނުވެ މެނޭޖްކުރެވޭނެ ގޮތްތަކެއް ފެނުމުގެ އުންމީދު ބޮޑެވެ.