އެމްޑަބްލިއުއެސްސީ

ކުނި މެނޭޖުކުރުމުގެ ކެމްޕޭނެއް އެމްޑަބްލިއުއެސްސީން ދުވާފަރުގައި

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން "ނަލަ ދުވާފަރު"ގެ ނަމުގައި ރ. ދުވާފަރުގައި ކުނި މެނޭޖުކުރުމުގެ ކެމްޕޭނެއް އިފްތިތާހުކޮށްފި އެވެ.

ދުވާފަރުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިކެމްޕޭން އިފްތިތާހުކޮށް ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

މި ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންގެ އަދި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ދުވާފަރުގެ ރައްޔިތުން ބައިވެރިވި އެވެ.

"ނަލަ ދުވާފަރު" ކެމްޕޭނަކީ އެމްޑަބްލިޔުއެސްސީއިން ދުވާފަރުގައި ދެމުން ގެންދާ ކުނި މެނޭޖްކުރުމުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި އެ ކުންފުނިން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.

"މި ކެމްޕޭންގެ މައިގަނޑު މަގުސަދަކީ ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް އިތުރަށް ފަސޭހަ ކޮށްދިނުން،" އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފަ އެވެ.

މި ކެމްޕޭންގެ ތެރެއިން ކުނީގެ ބާވަތްތައް ވަކިކުރުމަށް ހާއްސަ ޑަސްބިންތަކެއް ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރާނެ އެވެ. ކުނި މެނޭޖުކުރުމުގެ އުސޫލުތަކަށް އަހުލުވެރި ކުރުމަށްޓަކައި ޑޯޓުޑޯ ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ.

"ނަލަ ދުވާފަރު" ކެމްޕެއިން އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމަކުންނެވެ. މީގެ އިތުރުން މިކެމްޕޭނާއި ގުޅިގެން ދުވާފަރުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން މިއަދު "ކުޑަކުދިންނާއިއެކު އެމްޑަބްލިއުއެސްސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އެމްޑަބްލިއުއެސްސީ ގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުވާފަރުގައި ކުނި މެނޭޖުކޮށް ސާފު މާހައުލެއް ދުވާފަރުގެ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ. މިގޮތުން އެ ކުންފުނިން އަންނަނީ ފެނާއި ނަރުދަމާގެ ހިދުމަތުގެ އިތުރުން ކުނި މެނޭޖުކުރުމާއި، ކަރަންޓް އަދި މަސްވެރިންނަށް ބޭނުންވާ އައިސްގެ ހިދުމަތްވެސް ރ. ދުވާފަރުގައި ފޯރުކޮށްދެމުންނެވެ.