އެމްޑަބްލިޔުއެސްސީއިން ރ. ދުވާފަރުގައި އިމާރާތް ކުރަން ނިންމާފައިވާ ފެން އުފައްދާ ކާރުހާނާގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
ކަރުހާނާ އިމާރާތުގެ ބިންގާ މިއަދު ވަނީ އަޅާފަ އެވެ. ބިންގާ އަޅުއްވައި ދެއްވީ ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ފަޒުލް ރަޝީދާއި ރައްޔިތުން މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުހަންމަދު އަލީ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒުލް ވިދާޅުވީ، ދުވާފަރުގައި ބިނާކުރާ ފެން ފުޅި ބަންދުކުރާ ކާރުހާނާއަކީ ރައީސް އަބްދުﷲ ޔާމީންފެ މެނިފެސްޓޯގައި ފާހަގަ ކޮށްފައިވާ ގޮތަށް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ ފުރުސަތެއް ކަމަށެވެ.
ދުވާފަރުގައި ގާއިމް ކުރާ ފެން ފުޅި އުފައްދާ ކާރުހާނާގެ މަސައްކަތް ނިންމާ 2018 ވަނަ އަހަރުގައި ހުޅުވާނެ އެވެ. ޖުމްލަ 24 މިލިއަން ރުފިޔާ ހަރަދުވާ މި ޕްރޮޖެކްޓަކީ ގަޑިޔަކު 6,000 ފެން ފުޅި އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ކާރުހާނާއެކެވެ. އަދި ދުވާފަރުގައި ކާރުހާނާ ގާއިމްކުރުމުން އެ އަތޮޅު ގެ ރައްޔިތުންނަށް ފަސޭހަކާމާއެކު ފުޅީގައި ބަންދު ކުރި ފެން ހެޔޮ އަގުގައި ލިބޭނެ އެވެ.