ދުވާފަރު

ދުވާފަރު ފެން ފެކްޓަރީ އަޅައިދޭނެ ބަޔަކު ހޯދަނީ

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ގާއިމް ކުރާ ފެން އުފައްދާ ފެކްޓަރީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

ފެން ކުންފުނިން މިއަދު ބުނީ އެ މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ބީލަމުގައި ބައިވެރި ވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކާ ފަރާތްތަކަށް އެކަނި ކަމަށެވެ.

ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500 ރުފިޔާ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު ފަހު 1:00 އަށް އެކުންފުނީގައި ކުރިއަށް ދާނެ ކަމަށެވެ. ބީލަންފޮތް ދޫކުރަން ހަމަޖެހިފައިވަނީ އަންނަ ބުރަސްފަތި ދުވަހުގެ ރަސްމީގަޑީގައި ފެން ބިލްޑިންގުގެ ފަސް ވަނަ ފަންގިފިލާ އިންނެވެ.

ފެން ކުންފުނިން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ ޕްރީބިޑް މީޓިން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެ ކަމަށެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ މެންދުރު 1:00 ޖަހާއިރު އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ބިޑް ހުށައަޅާއިރު 10000 ރުފިޔާގެ ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ ގޮތުގައި ބަލައިގަންނަން ހަމަޖެހިފައިވަނީ ބޭންކް ގެރެންޓީ ޗެކް ނުވަތަ ބޭންކް ގެރެންޓީ ލެޓާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ދުވާފަރުގައި އަޅާ ފެން ފެކްޓަރީ އަކީ އަތޮޅު ތެރޭގައި އަޅާ ފުރަަތަމަ ފެން ފެންޓަރީ އެވެ. އެ ފެން އުފައްދާ ފެކްޓަރީ އެޅުމަށް 15 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އެ ފެން ޕްލާންޓުން ގަޑިއަކު 6000 ފެން ފުޅި އުފައްދާނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ކުރިން ބުނެފައިވެ އެވެ. އަދި އެ ފެކްޓަރީ ތަރައްގީ ކުރާނީ ކުރިޔަށް އޮތްތާ އިތުރު ޕްލާންޓެއް ބަހައްޓަން ޖެހުނަސް އެކަން ކުރެވޭ ގޮތަށެވެ.