އެމްޑަބްލިއުއެސްސީ

ދުވާފަރުގައި ފެން ފެކްޓަރީއެއް އަޅަން ފެން ކުންފުނިން ބިމެއް ހިފައިފި

  • ދުވާފަރު ޕްލާންޓަށް 15 މިލިޔަން ހަރަދުކުރާނެ
  • ފެކްޓަރީ އަޅާނީ 10،000 އަކަފޫޓުގެ ބިމެއްގައި
  • ދުވާފަރުގައި ގަޑިއަކު 6000 ފުޅި ފެން އުފައްދާނެ

މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ފެން އުފައްދާ ފެކްޓަރީއެއް ގާއިމް ކުރުމަށް އެ ރަށުން ބިމެއް ހިފައިފި އެވެ. މިއީ އެ ކުންފުނިން އަތޮޅުތަކު ތެރޭގައި ފެން ފެކްޓަރީއެއް ގާއިމް ކުރާ ފުރަތަމަ ފަހަރެވެ.

ދުވާފަރުގައި ފެން ފެކްޓަރީ ގާއިމް ކުރުމަށްޓަކައި އެ ރަށު ކައުންސިލާއެކު ބިން ކުއްޔަށް ހިފުމުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދު މިއަދު ވިދާޅުވީ އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ބިން ކަނޑައެޅުމާއި އެ މަސައްކަތް ކުރުމުގެ ހުއްދަ ހައުސިން މިނިސްޓްރީއިން ހޯދައި އެއްބަސްވުމަކަށް ވާސިލްވާން ކުރަން ޖެހޭ ހުރިހާ ކަންކަން ކުރަމުން އަންނަ ކަމަށާއި ޑިޒައިނާއި ފެކްޓަރީ އެޅުމަށް ބޭނުންވާ ސާމާނު އޯޑާ ކުރުމުގެ މަރުހަލާ ވެސް މިހާރު ކުރިޔަށްދާ ކަމަށެވެ.

މިއަދު ހަވާލު ކުރީ 10،000 އަކަފޫޓުގެ ބިމެކެވެ. ފެން އުފައްދާ ފެކްޓަރީ އެޅުމަށް 15 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.

"އަޅުގަނޑުގެ އުންމީދަކީ ޒުވާނުންނަށް އިތުރު ވަޒީފާތަކެއް [ މި ފެކްޓަރީން] ތަނަވަސްކޮށްދިނުން. މި ފެކްޓަރީގެ ސަބަބުން ފައިދާ ވާނީ ހަމައެކަނި ދުވާފަރަކަށް ނޫން. ރ. އަތޮޅުގެ ހުރިހާ ރަށްތަކަށް ވަރަށް ފައިދާ ކުރާނެ. ރާއްޖޭގެ މެޖޯރިޓީ މާކެޓް ޝެއާ ނަގަނީ ތާޒާ ބްރޭންޑުގެ ފެން. އަދި މި މަސައްކަތާ އެކީގައި އަޅުގަނޑުމެންނަށް އިތުރު މާކެޓްޝެއާ ނެގޭނެ ކަން ޔަގީން ކަން އެބައޮތް،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ދުވާފަރުގައި ގާއިމް ކުރަން ނިންމާފައިވަނީ ގަޑިއަކު 6000 ފެން ފުޅި އުފެއްދޭ ޕްލާންޓެއް ކަމަށެވެ. އަދި އެ ފެކްޓަރީ ތަރައްގީ ކުރާނީ ކުރިޔަށް އޮތްތާ އިތުރު ޕްލާންޓެއް ބަހައްޓަން ޖެހުނަސް އެކަން ކުރެވޭ ގޮތަށް ކަމަށާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި ދުވާފަރުގައި ފެން އުފައްދާ ފެކްޓަރީ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

ގައުމީ ފެން ކުންފުންޏަކީ މިހާރުވެސް ދުވާފަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އައިސް ވިއްކުމާއި ފެނާ ނަރުދަމާގެ ހިދުމަތާއި ވޭސްޓް މެނޭޖްމަންޓުގެ ސޮލިއުޝަން ވެސް ދެއެވެ.