އަލިފުށި

އަލިފުށި ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ އަނދަނީ

ރ. އަލިފުށީ ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ ވަރަށް ބޮޑަށް އަނދަން ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލުގެ ރައީސް އާދަމް އިމްރާން ވިދާޅުވީ މީގެ ގަޑިއެއްހާއިރު ކުރިން އެ ރަށު ކުނި ގޮނޑުގައި ހުރި ފައިބަރުތަކެއްގައި ރޯވެ އަނދަން ފަށާފައިވާ ކަމަށެވެ.

"ފައިބަރުވީމަ ވަރަށް ބޮޑަށް ހުޅު ހިފާފަ ހުރީ،" އާދަމް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ނަމަވެސް، އަލިފާންގަނޑު ފެތުރުމުގެ ބިރު އޮތް ކަމަށް ކައުންސިލް ރައީސް ފާހަގަކުރެއްވި އެވެ.

އާދަމް އިތުރަށް ވިދާޅުވީ މި އަލިފާން ގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި ނިއްވާލެވިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރ. އަލިފުއްޓަށް ޒިޔާރާތްކުރައްވާފަ އެވެ. އަދި އަލިފުށީގައި ބޯޓު ޔާޑު ސަރައްދުގައި އުފެދޭ ފައިބަރު ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެ ރަށު ކައުންސިލުން ވަނީ ރައީސް އަރިހުގައި އެދިފަ އެވެ.