ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ގދ. މަޑަވެއްޔަށް ވަޑައިގެން ޖަލްސާ ބާއްވަން ތައްޔާރުކުރި ތަން ރޯކޮށްލައިފި އެވެ.
ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ހުރި ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ތަނުގައި ރޯކޮށްލި ކަމަށް ބެލެވެނީ ފަތިހު އެވެ.
ފުލުހުން ބުނީ މި ހާދިސާގެ މައުލޫމަތު ލިބުނީ ރޭ ފަތިހު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކެމްޕޭންގައި ހުވަދު އަތޮޅަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު 9:00 ގައި މަޑަވެއްޔަށް ވަޑައިގަތުމަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް އެ ދަތުރުފުޅު ލަސްވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.