ގދ. މަޑަވެލި ބިން ހިއްކާއިރުގައި ހާދޫއާއި މަޑަވެލި އެއްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީގައި މއަދު ބޭއްވި ކެމްޕޭން ޖަލްސާގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހު ވިދާޅުވީ މަޑަވެލީގެ ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި އެ ރަށުގެ ބިން ހިއްކައި އެ ތަނުން ގޯތި ދޫކުރާނެ ކަމަށެވެ. މަޑެވިލި ބިމުގެ މައްސަލަ ހައްލުކުރާއިރު މަޑަވެއްޔާއި ހާދުއާއި އެއްކޮށްލާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މަޑަވެލީގެ ބިން ހިއްކާ އިރުގައި ހާދުއާއި މަޑަވެލި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެއްކޮށްލާނަން،" ރައީސް ވިދާޅުވި އެވެ.
މަޑަވެލީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ގޯތި ދޫކުރުމުގެ އިތުރަށް އެ ރަށުގައި ރޯހައުސް އަދި ފްލެޓު އަޅައިދޭނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މަޑަވެލީގެ އައިސް ޕްލާންޓުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށައި އެ ތަނުގެ ހިދުމަތް މަސްވެރިންނަށް ލިބޭނެ ގޮތްވެސް ވީހާވެސް އަވަހަށް ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
މަޑަވެލީގެ ރައްޔިތުންގެ އިތުރު ކަންބޮޑުވުމެއް ކަމަށްވާ އޭޓީއެމްގެ ހިދުމަތްވެސް އެ ރަށުގައި ވަރަށް އަވަހަށް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.