ރިޔާސީ އިންތިހާބު 2023

"އިދިކޮޅު ޕާޓީ ތަކުން އެކުރަނީ އަމާޒު ގެއްލުވާލުމުގެ މަސައްކަތް"

އިދިކޮޅު ޕާޓީތަކުން މިހާރު ކުރާ މަސައްކަތްތަކަކީ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ބޮޑު ތަނުން ކާމިޔާބު ކުރެވޭނެކަން އެނގޭތީ އެމްޑީޕީގެ އަމާޒު ގެއްލުވާލުމުގެ މަސައްކަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ގދ. މަޑަވެލީގައި ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް މިހެން ވިދާޅުވީ މަޑަވެލީގައި ރައީސްގެ ކެމްޕެއިން ޖަލްސާ ބާއްވަން އޮތް ތައްޔާރުކުރި ތަން ރޭގައި ވަގުތެއްގައި ރޯކޮށްލާ އަންދާލުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ މީގެ ކުރިންވެސް މި ކަހަލަ ބައެއް ކަންތައްތައް ދިމާވެފައިވާ ކަމަށާއި ރިޔާސީ އިންތިހާބެއްގައި ވާދަވެރި ކެމްޕޭނެއް ކުރަމުންދާއިރު މި ކަހަލަ ކަންކަން ދިމާވާނެ ކަމަށެވެ. އެހެންނަމަވެސް އެކަންތަކަށް އަޅާނުލައި އިންތިހާބަށް "ފޯކަސް" ބެހެއްޓުމަށް ރައީސް އެދިވަޑައިގަތެވެ.

"އަޅުގަނޑުމެންގެ ސަޕޯޓަރުންނަށާއި ކެމްޕޭން ޓީމަށް ދަންނަވާލަން ބޭނުންވަނީ އެއްގޮތަކަށްވެސް އެއާއި ދޭތެރޭގައި ކަންބޮޑުވެވަޑައިނުގަތުން. އަދި އެއާއި ދޭތެރޭގައި އެކަމަށް ޖަވާބު ދިނުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުން. ތިބޭފުޅުން ފޯކަސް ކުރައްވަންވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ރާއްޖޭގައި ހަމަނުޖެހުމާއި ތަޅާފޮޅުމާއި ސުލްހަވެރިކަން ނައްތާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒާއި އެއްގޮތަށް ރައޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުމާއިގެން ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދިވެހި ގައުމު އިތުރު ހަމަނުޖެހުމުގެ ތެރެއަށް ގެންދަން ބޭނުންނުވާ ކަމަށެވެ. އަދި ރާއްޖޭގެ މަސައްކަތްތެރިންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އެކަން އެގޮތަށް ކުރެވޭނީ އަމާން ހަމަޖެހޭ މުސްތަގުބަލެއް ބިނާކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.

"މިހާރު އެ މަސައްކަތްތައް އެބަކުރެވޭ. އެހެންނަމަވެސް އެނބުރި 2014ގެ ކުރިއަށް ގެނދިއުމަށް މަސައްކަތްކުރާ ބަޔަކު އެބައުޅޭ. އަޅުގަނޑުމެން ނެތިން އެނބުރި އެ މާޒީއަށް ދާކަށެއް." ރައީސް ވިދާޅުވި އެވެ.