މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ކުޑަކުދިންނަށް ދޭ އޮޕްޝަނަލް ވެކްސިންތައް އާސަންދައިގެ ދަށުން ލިބޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުމަށާއި ރައްޔިތުންނާ ކައިރިން އިތުރު ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"އެގޮތުން ސިއްހީ ހިދުމަތަށް އިތުބާރު އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށް ވުރެ ބޮޑަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ތެރޭ ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ސިއްހީ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ބަލިވުމުގެ ކުރިން ބަލިން ސަލާމަތްވުމަކީ ގައުމީ ސިއްހީ ސިޔާސަތުގެ ބިންގާ ކަމުގައި ހަދައި، ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއެއްގެ ގޮތުގައި ގާއިމުކުރާނެ ކަމަށެވެ. އަދި ޖެނެރަލް ޕެޓިޝަނަލް ކްލިނިކުތަކެއް ގާއިމުކޮށް ފެމިލީ ހެލްތު ވޯކަރުންގެ މަސްއޫލިއްޔަތު މިހާރަށް ވުރެ ފުޅާ ކުރާނެ ކަމަށާއި އިންފާޓިލިޓީ ފަރުވާއަށް ބޭނުންވާ ހިދުމަތުގައި، އެ ހިދުމަތާއި ކަވަރޭޖް ކުރިއަށް އޮތް ތަނުގައި ފުޅާކުރާނެ ކަމަށެވެ.
ޑްރޯން ބޭނުންކޮށްގެން ލެބޯޓަރީތަކަށް ސާމްޕަލް ޓްރާންސްފާ ކުރަން ފަށާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި ހުވަދޫ އަތޮޅުގައި މިހާރު އެކަން ޓެސްޓު ކުރެވިފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ސްޓޭންޑަޑްތަކާއި އެއްގޮތަށް ފިޓްނަސް ދާއިރާ ރެގިއުލޭޓްކޮށް މުސްކުޅިވެ ދާން މަތިވާ ފަރާތްތަކަށް ހާއްސަ ހިދުމަތްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފޯނު މެދުވެރިކޮށް ނަފްސާނީ އެހީދޭ ޓެލެމެޑިސިން ކުލިނިކާއި ޅައުމުރުފުރާގެ ކުދިންނަށް އެޑޮލެސެންޓު ކުލިނިކް ތައާރަފު ކުރާނެ ކަމަށާއި ޕްރައިވެޓް ރިހަބިލިޓޭޝަންގެ ނިޒާމު ވެސް ތައާރަފު ކުރެވިގެން ދާނެ ކަމުގައި ވިދާޅުވި އެވެ.
"މަސްތައް ދެވިހިފާފައިވާ ފަރާތްތަކަށް ހާއްސަ ރެސިޑެންޝިއަލް ފަރުވާ ދޭ މަރުކަޒުތަކެއް ތިން ސަރަހައްދެއްގައި ގާއިމުކޮށް ވަށާޖެހޭ ފަރުވާގެ ޕުރޮގުރާމެއް ފަށާނަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރުވެސް ސިއްހީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށަކަށް މޯބައިލް ލެބޯޓަރީގެ ހިދުމަތް މިހާރު ލިބޭނެ ކަމަށާއި 133 ރަށަކަށް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދީފައިވާނެ ކަމަށް ފާހަގަކުރެއްވި އެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ މުސާރަ ބޮޑުކޮށް ރާއްޖޭގެ ތިން ސަރަހައްދެއްގައި މެތަޑޯން ޓްރީޓްމަންޓް މިހާރު ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްޓަކައި ހަތަރު ރިހަބިލިޓޭޝަން ސެންޓަރެއް އޮޕަރޭޝަނަށް ގެނެވުމަކީ ހޯދުނު ރަނގަޅު ކާމިޔާބެއް ކަމަށެވެ. އަދި ޕްރިޒަން ރިހިބިލިޓޭޝަން ޕްރޮގްރާމުގެ ދަށުން ބަންދުކޮށްފައި ތިބި މީހުންވެސް އެ ޕްރޮގްރާމުގައި ބައިވެރިކޮށް އެނބުރި މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއް ފަށައިގެން ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޓާޝަރީ ފަސް ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތްތައް އެކި މަރުހަލާގައި ފެށިފައި ކަމަށާއި އެކަން ފުރިހަމަކޮށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލްތައް ޓާޝަރީ ހޮސްޕިޓަލް ތަކެއްގެ ގޮތުގައި ހިންގަން ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ ނަފްސާނީ ބައްޔައް ފަރުވާ ދިނުމަށް މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކޮށް މިހާތަނަށް 60،000 އަށ ްވުރެ ގިނަ ކޮންސަލްޓޭޝަން ހަދާ ނިމިއްޖެ ކަމަށާއި ޕްރައިވެޓް ކްލިނިކްތަކުން ދޭ ނަފްސާނީ ބަލީގެ ފަރުވާ އާސަންދައިން ކަވަރު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައި ހުންނާނެ ކަމަށްވެސް ވިދާޅުވި އެވެ.