ރައީސް މުހައްމަދު ނަޝީދު

މަޑަވެލި ޖަގަހައިގައި ރޯކޮށްލުން ނަޝީދު ކުށްވެރިކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގދ. މަޑަވެލީގައި ބަނދަރު ޖަލްސާ ބޭއްވުމަށް ތައްޔާރުކޮށްފައިވާ ތަނުގައި ރޯކޮށްލުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ އަމަލު ކުށްވެރިކުރައްވައިފި އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބާ ގުޅުވައި މީހުން ހައްޔަރުކޮށް އަދި ތަންތަނުގައި ރޯކޮށް މުދަލަށް ގެއްލުންދީ ހަދައިގެން ނުވާނެ ކަމަށެވެ.

"މަޑަވެލި އެމްޑީޕީ ޖަގަހައިގައި ހުޅުޖެހުން ކުށްވެރިކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޖަލްސާ ބާއްވަން ތައްޔާރުކުރި ތަނުގައި ރޯކޮށްލުމުގެ ސަބަބުން އެތަނުގައި ހުރި ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި އެ ތަނުގައި ރޯކޮށްލި ކަމަށް ބެލެވެނީ ރޭ ފަތިހު އެވެ.

ފުލުހުން ބުނީ މި ހާދިސާގެ މައުލޫމަތު ލިބުނީ ރޭ ފަތިހު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ކެމްޕޭންގައި ހުވަދު އަތޮޅަށް ރައީސް ސޯލިހު ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ މަޑަވެއްޔަށް ވަޑައިގެންފަ އެވެ.