ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"އެންމެ ރަނގަޅީ މީހުން ދިރިއުޅޭ ރަށެއްގައި އެއާޕޯޓް އެޅުން"

ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅާނަމަ އެންމެ ރަނގަޅީ މީހުން ދިރިއުޅޭ ރަށެއްގައި އެ އެއާޕޯޓް އެޅުން ކަމަށް ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް ވިދާޅުވެއްޖެ އެވެ.

ނާސިފް މިހެން ވިދާޅުވީ ރ. އަތޮޅުގައި އަޅާ ތިންވަނަ އެއާޕޯޓް އަޅާނީ އެ އަތޮޅު ބެރިޔަންފަރުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދް ސޯލިހު އިއްޔެ އައްޑޫގައި ވިދާޅުވުމާ ގުޅިގެންނެވެ.

އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނާސިފް މިއަދު ވިދާޅުވީ ފަޅުރަށެއްގައި އެއާޕޯޓެއް އެޅުމަށްވުރެ މީހުން ދިރިއުޅޭ ރަށެއްގައި އެއާޕޯޓެއް އެޅުން މާބޮޑަށްވެސް ރަނގަޅު ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގައި ސަރުކާރުން ނިންމާ ނިންމުމަކަށް އަތޮޅު ކައުންސިލުން ދެކޮޅަށް ބަސް ބުނަން ބޭނުން ނުވާ ކަމަށެވެ.

ނާސިފް ވިދާޅުވީ ސަރުކާރުން ރ. އަތޮޅުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ ބަޔަކަށް ރ. އަތޮޅު ކައުންސިލް ނުވާނެ ކަމަށެވެެ. އަދި އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅިގެންދިއުމަކީ ލިބިގެންދާ ކުރިއެރުމެއް އަދި ފަސޭހައެއް ކަމުގައި ވިދާޅުވި އެވެ.

"ރ. އަތޮޅަށް ލިބޭ ކުރިއެރުމަކަށް ހުރަހެއް ނާޅާނަން. އެއީ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ލިބޭ ކުރިއެރުމެއް،" ނާސިފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއަޅަން ބަޔަކު މަސައްކަތް ކުރާނަމަ އެކަމެއް ހުއްޓުވުމަށްވެސް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

"ސަރުކާރުން ތަރައްގީއަށް ކުރާ އެއްވެސް މަސައްކަތެއް ނުހުއްޓުވާނަން،" ނާސިފް ވިދާޅުވި އެވެ.

ކްރޮސް ސަބްސިޑީ އުސޫލުން ފައިސާ ހޯދައިގެން ހަ ރަށެއްގައި އެއާޕޯޓް އަޅަން ނިންމާ ޝައުގުވެރިވާ ފަރާތްތަކެއް ހޯދުމަށް ސަރުކާރުން އެންމެ ފުރަތަމަ ހުޅުވާލީ 2021 ވަނަ އަހަރު އެެވެ. މީގެތެރޭގައި ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅަން ނިންމާފައިވާ އެއާޕޯޓް ހިމެނެ އެވެ.

ކުރިން އެރަށުގެ ނަން ހާމަކޮއްފައި ނުވި ނަމަވެސް، އައްޑޫއަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެ ރަށަކީ ރ. ބެރިޔަންފަރު ކަމަށް އިއްޔެ އިއުލާންކުރެއްވި އެެވެ.

ރ. އަތޮޅު އަލިފުށީގައި މިހާރުވެސް އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ. އަދި ރ. އިފުރުގައި އޮޕަރޭޓް ކުރަމުންދާ އެއާޕޯޓެއްވެސް އެބައޮތެވެ.