ރައްޔިތުންގެ މަޖިލީސް ތެރެއިން ވަކި މެންބަރުންތަކަކާއި އިދިކޮޅު ޕީޕީއެމުން މި ސަރުކާރަށް އަބަދުވެސް ގޮންޖެހުންތަކެއް ކުރިމަތި ކުރުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި މިއަދު ނ. ކެނދިކުޅުދޫއަށް ވަޑައިގައިން އެ ރަށުގައި ތިބި އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ފަސް އަހަރުގެ ވެރިކަމެއް ނިމިދިޔައިރު ރައްޔިތުންނަށް ކޮށްދީފައިވާ ކަންތައްތަކާއި އަޅާބަލާއިރު މި ސަރުކާރުން އެއަށް ވުރެ ގިނަ ހިދުމަތްތަކެއް ހަތަރު އަހަރު ތެރޭގައި ފޯރުކޮށްދީފައިވާ ކަމަށެވެ.
ގިނަ ގޮންޖެހުންތަކަކާއި ހުރަސްތަކެއް ހުރި ނަމަވެސް މި ސަރުކާރުން އެ ކަންކަން ހުރަސްކޮށް، ކެތްތެރިކަމާއި އެކު ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދީފައި ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުންނާއި އިދިކޮޅު ޕީޕީއެމުން ސަރުކާރަށް ގޮންޖެހުންތަކެއް ކުރިމަތިކުރިކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ފެށުނީއްސުރެ މި ސަރުކާރަށް ގޮންޖެހުންތަކެއް މަޖިލިސް ތެރެއިންނާއި އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވެސް ކުރިމަތިވި،" ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކޮށް ކޮންމެ ރަށަކަށްވެސް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ އިތުރުން ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މިފަދައިން ކޮންމެ ރަށެއްގައި ވެސް މަޝްރޫއުތައް ހިންގުމަކީ އިސްރާފެއް ނޫން ކަމަށާއި، އެގޮތަށް ދެކިގެން ނުވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.