ބޮލީވުޑް

ދަރިފުޅު ރާހާގެ ފޮޓޯ ނުނަގަން ރަންބީރު އާއި އާލިއާ އެދެފި

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓްގެ ދަރިފުޅު ރާހާ ކަޕޫރުގެ ފޮޓޯ ނުނަގަން ޕަޕަރާޒީންގެ ކިބައިން އެ މީހުން އެދެފި އެވެ. ނޮވެމްބަރު ހައެއް، 2022ގައި އުފަންވި ރާހާ އަށް ދެ މަސް ފުރުމާ ދިމާކޮށް މީޑިއާ އާ ބައްދަލުކޮށް ރަންބީރު އާއި އާލިއާ އެދުނީ ރާޙާ އަށް ދެ އަހަރު ނުފުރެނީސް އޭނާގެ ފޮޓޯ ނުނެގުމަށެވެ.

އެ މީހުން ނޫސްވެރިންނާ ބައްދަލުކޮށްފައި މިވަނީ މިދިޔަ ހަފުތާގައި ރާހާ ގޮވައިގެން އެމީހުން ހިނގާލަން ނުކުމެ އުޅެނިކޮށް ޕަޕަރާޒީން ފޮޓޯ ނަގަން މަސައްކަތް ކުރުމާ ގުޅިގެންނެވެ.

ރަންބީރު ބުނި ގޮތުގައި ރާހާގެ ތުއްތު ދުވަސްވަރު އެމީހުން އޭނާ ވަރަށް ރައްކާތެރިކޮށްގެން ގެންގުޅެން ބޭނުންވެ އެވެ. ރާހާ ބޮޑުވެގެން އޭނާ ސޯޝަލް މީޑިއާގައި ފޮޓޯތައް ޕޯސްޓް ކުރިޔަސް މައްސަލައެއް ނެތް ކަމަށާއި އެންމެ ޅަފަތުގައި ތުއްތު ރާހާގެ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކުރަން ބޭނުންވާ ކަމަށް ރަންބީރު ބުންޏެވެ.

އާލިއާ ބުނި ގޮތުގައި ރާހާގެ ފޮޓޯތައް ނަގައި އެމީހުންގެ ނޫސްތަކުގައި ޖަހަން ފޮޓޯގްރާފަރުން ބޭނުންވާނެކަން އެމީހުންނަށް ވެސް އެނގެ އެވެ. އަދި އެއީ އެމީހުންގެ ވަޒީފާކަން ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް މައިންބަފައިންގެ ހައިސިއްޔަތުން އެމީހުން އެދެނީ ރާހާ އަށް ހެޔޮވިސްނޭ ވަރު ވަންދެން އޭނާގެ ފޮޓޯތައް ނޫސްތަކުގައި ނުޖެހުން ކަމަށް އާލިއާ ބުންޏެވެ.

"ރާހާ އަށް އަދި މީހުން ވެސް ވަކިކުރާކަށް ނޭނގޭ. އަދި ކިރިޔާ އޭނާގެ މަންމަ އާއި ބައްޕަގެ މޫނު ކުޑަ ކޮށް ފާހަގަ ކުރަން ދަސްވީ. އޭނާއަކަށް ނޭނގޭ އޭނާގެ މަންމަ އާއި ބައްޕަ އަކީ ސެލެބްރިޓީން ކަމެއް. އެހެންވެ އަހަރެމެން އަދި ބޭނުމެއް ނޫން ރާހާގެ ފޮޓޯ އެއްވެސް މީހަކު ނަގާކަށް،" އާލިއާ ބުންޏެވެ.

އާލިއާ އިތުރަށް ބުނި ގޮތުގައި މިއީ ރަންބީރު އާއި އޭނާގެ ފުރަތަމަ ދަރިފުޅަށް ވާތީ ދަރިފުޅާ މެދު އެމީހުން ވަރަށް ހިތް ނުތަނަވަސްވެ ބިރުގަނެ އެވެ. ދަރިފުޅަށް އިތުރު ރައްކާތެރިކަން ދޭން ބޭނުންވަނީ އެހެންވެ އެވެ.

ނޫސްވެރިން ކައިރީ ރަންބީރު އާއި އާލިއާ ބުނީ ޕަޕަރާޒީން ބޭނުންވީ ކޮންމެ ވަގުތެއްގައި އެ ދެމަފިރިންގެ ފޮޓޯ ނެގޭނެ ކަމަށާއި ކޮންމެ އިރަކު ބުންޏަސް އެމީހުން ފޮޓޯ ނަގަން ދެން މަދުކޮށްލަދޭނެ ކަމަށެވެ. ނަމަވެސް ރާހާގެ ފޮޓޯ ނުނެގުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރާ ކަމަށެވެ.

ނޫސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި ރަންބީރު އާއި އާލިއާގެ އިތުރުން ރަންބީރުގެ މަންމަ އަދި ބަތަލާ ނީތޫ ކަޕޫރު ވެސް ބައިވެރިވި އެވެ.

ރަންބީރު އާއި އާލިއާގެ މި އިލްތިމާސާ މެދު އެއްވެސް ޝަކުވާއެއް އޮތްތޯ ނީތޫ ވަނީ ނޫސްވެރިންނާ ސުވާލުކޮށްފަ އެވެ. ނޫސްވެރިން ބުނީ އެއްވެސް ޝަކުވާއެއް ނެތް ކަމަށާއި ނީތޫ އަކީ އެމީހުންގެ ފޭވަރިޓް ކަމަށެވެ.

އާލިއާ އިތުރަށް ބުނި ގޮތުގައި އެމީހުން ރާހާ ގޮވައިގެން ބޭރުގައި އުޅެނިކޮށް އޮޅިގެން ނަމަވެސް ރާހާގެ މޫނު ފެންނަ ގޮތަށް ފޮޓޮއެއް ނެގިއްޖެނަމަ އެ ފޮޓޯއެއް ސޯޝަލް މީޑީއާގައި ނުވަތަ ނޫހެއްގައި ޖެހުމުގެ ކުރިން މޫނު ނުފެންނަ ގޮތަށް އީމޯޖީއެއް ފަދަ އެއްޗަކުން އެޑިޓް ކޮށްލަ ދިނުމަށެވެ.

ރަންބީރު ބުނީ ރާހާގެ ފޮޓޯތައް ވައިރަލް ނުކުރަން އެމީހުންގެ ފޭން ކްލަބްތަކުގައި ވެސް އެދޭނެ ކަމަށެވެ.
ޒުވާން ދެމަފިރިން އިތުރަށް ބުނީ ރާހާގެ ފޮޓޯތައް ދުނިޔެއަށް ހާމަކުރާ ވަގުތު އަތުވެއްޖެ ކަމަށް އެމީހުންނަށް ޔަގީންވުމުން އެ ފޮޓޯތައް ހާމަކުރާނެ ކަމަށެވެ. އެ ދުވަހަކުން އެމީހުންގެ ދަރިފުޅުގެ ގޮތުގައި ރާހާ ދުނިޔެއަށް ތައާރަފްކޮށްދޭނެ ކަމަށެވެ. މިދުވަސްވަރަކީ އެމީހުންގެ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ރައްކާކުރާ ދުވަސްތަކަށް ވާތީ މި ދުވަސްވަރު އެ އާއިލާއިން އުފާވެރިކަމާއެކު ހޭދަކުރަން ފުރުސަތު ދިނުމަށެވެ.

އާލިއާ އާއި ރަންބީރު ވަރަށް އާދޭހާއެކު ދެއްކި މި ވާހަކަތަކަށްފަހު ނޫސްވެރިން ވަނީ ރާހާގެ ފޮޓޯ ނުނަގަން އެއްބަސްވެ ވައުދުވެފަ އެވެ. އަދި އޮޅިގެން ފޮޓޮއެއް ނެގުނަސް އެ ފޮޓޮއެއް ސޯޝަލް މީޑީއާ އާއި ނޫސްތަކުގައި ޖެހުމުގެ ކުރިން މޫނު ނުފެންނަ ގޮތް ހަދާނެ ކަމަށް ވެސް އެމީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރަންބީރު ވަނީ އޭނާގެ ފޯނުގައި ހުރި ރާހާގެ ފޮޓޯތައް ނޫސްވެރިންނަށް ދައްކާލާފަ އެވެ. އާލިއާ ބުނީ ރާހާގެ ފޮޓޯތައް އެމީހުން އެންމެ ކުރިން ދައްކާލާފައި މިވަނީ މި ނޫސްވެރިންނަށް ކަމަށާއި މީގެ ކުރިން އެކަކަށް ވެސް އެ ފޮޓޯތައް ނުދައްކާ ކަމަށެވެ. އަދި އޭނާ ބައިވެރިވާ އެއްވެސް ވަޓްސްއަޕް ގްރޫޕެއްގައި ވެސް ރާހާގެ ފޮޓޯތައް ޕޯސްޓް ނުކުރާ ކަމަށެވެ.

ރަންބީރުގެ "ތޫ ޖޫޓީ މައި މައްކާރް" މިއަހަރުގެ މާޗްގައި ރިލީޒްކުރަން ވަނީ ތައްޔާރުވެފަ އެވެ. އާލިއާގެ "ރޮކީ އައުރު ރާނީ ކީ ޕްރޭމް ކަހާނީ" މިއަހަރުގެ އޭޕްރީލްގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.