ހދ. ހަނިމާދޫއިން ދޫކުރާ 200 ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން މިމަހުގެ 16 ވަނަ ދުވަހު އޮންނާނެ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގޯތި ނަންބަރު ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ 8:30 ގައި ހަނިމާދޫ އިޖުތިމާއީ މަރުކަޒުގައި ކަމަށެވެ.
ހަނިމާދޫ އިން ގޯތި ދިނުމަށް ނިންމާ ގޯޗަށް ކުރިމަތިލުމަށް ހަނިމާދޫ ކައުންސިލުން ހުޅުވާލީ މިދިޔަ އަހަރުގެ ފެބްރުއަރީީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހަނިމާދޫ ކައުންސިލުން ބުނީ ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ހާޒިރުވާއިރު ގޯތި ލިބޭ ފަރާތްތަކުގެ އައިޑީކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެނައުމަށާއި ބަދަލުގައި މީހަކު ފޮނުވާނަމަ އެއީ ބަދަލުގައި ފޮނުވި ފަރާތެއްކަން އެނގޭނެ ސިޓީއަކާއި އެ ފަރާތުގެ އައިޑީކާޑުގެ އަސްލު ގެންނަން ޖެހޭނެ ކަމަށެވެ.
ހަނިމާދޫން ދޫކުރުރަން ހަމަޖެހިފައިވާ 200 ގޯއްޗަކީ 3000 އަކަފޫޓުގެ ގޯތިތަކެކެވެ. ހަނިމާދޫގައި ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރަން ހުޅުވާލައިފާ މިވަނީ 12 އަހަރު ފަހުންނެވެ. މި ގޯތިތައް ދޫކުރަން ހަމަޖެހިފައި ވަނީ ރަށުގެ ދެ ސަރަހައްދަކުންނެވެ.
މިފަހަރު ދޫކުރަން ހަމަޖެހިފައިވާ 200 ގޯތި ހާއްސަކޮށްފައިވަނީ ހަނިމާދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ. އެއީ ހަނިމާދޫގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންގެ އަދަދު އިތުރުވުމާއެކު އެކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.