މާލޭ ސިޓީ ކައުންސިލް

މިސްކިތް މަރާމާތުކުރުމުގެ ފަންޑަށް ހަތް ލައްކަ ރުފިޔާ

މާލެ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑް ހޯދުމަށް މާލެ ސިޓީ ކައުންސިލުން ހުޅުވާފައިވާ ފަންޑަށް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި "ޗާލު މިސްކިތް" ހަރަކާތުގެ ދެދުވަސް ނިމިގެން ދިޔަ އިރު މުޅިއަކު 744،713.90 ރުފިޔާ ވަނީ ލިބިފަ އެވެ. މި ހަރަކާތުގެ ފުރަތަމަ ދުވަސް ނިމުނުއިރު 313،397.90 ރުފިޔާ ލިބިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި މިސްކިތްތައް މަރާމާތުކުރަން ފަންޑެއް ހުޅުވީ މިސްކިތްތަކަކީ އެ ކައުންސިލުން އެންމެ އިސްކަމެއްދޭ ތަންތަނަށް ވުމާއެކު، މިސްކިތްތައް ކައުންސިލާ ސަރުކާރުން ހަވާލުކުރީ އެއްވެސް ބަޖެޓަކާ ނުލާ ކަމަށް ވާތީ އެވެ.

ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ހުރިހާ މިސްކިތެއްގެ މަރާމާތައް ޖުމުލަ ނުވަ މިލިއަން ރުފިޔާ ބޭނުންވެ އެވެ. އަދި ދެ ދުވަހުގެ ޓެލެތޯން އިވެންޓް ނިމުނު ނަމަވެސް ޗާލު މިސްކިތް ފަންޑަށް އަދިވެސް ރުފިޔާ ޖަމާކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މިސްކިތްތަކުގެ މަރާމާތުތަކަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު ކައުންސިލްގެ ބަޖެޓުން އެކަން ނުކުރެވޭ ކަމަށްވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މިސްކިތު ފަންޑުގެ ސަބަބުން ކުރިއަށް އޮތް ރަމަޟާން މަހަށް، މިސްކިތްތަކުގައި ކުރަންޖެހޭ މަރާމާތުތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް މާލެ ސިޓީ ކައުންސިލުން ބުނެ އެވެ.

މިސްކިތްތައް ބެލެހެއްޓުމަކީ ކައުންސިލްތަކަށް އޮންނަ ޒިންމާ އެކެވެ. މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލޭގައި 34 މިސްކިތެއް ބަލަހައްޓަމުން ގެންދެ އެެވެ.