ފިނިޕޭޖް

ޖިޒެލް ބުންޗަން އަނބުރާ މޮޑެލިންއަށް

ސުޕާމޮޑެލް ޖިޒެލް ބުންޗަން މީގެ ދެމަހެއް ކުރިން ޓޮމް ބްރޭޑީއާ ކައިރިން ވަރިވުމަށްފަހު ފުރަތަމަ މޮޑެލިން ކެމްޕޭން ދައްކާލައިފި އެވެ.

ޖިޒެލް މޮޑެލްކޮށްފައިވަނީ ލުއީ ވިތަންގެ ޔަޔޮއީ ކުސާމާ އެޑް ކެމްޕޭންގަ އެވެ.

މި ކެމްޕޭންގައި ޖިޒެލްގެ އިތުރުން ކްރިސްޓީ ޓާލިންޓަން، ބެލާ ހަދީދް، ކާލީ ކްލޮސް އަދި އެހެން މޮޑެލުންވެސް މޮޑެލްކޮށްފައި ވެއެވެ.

މި ކެމްޕޭނަކީ އެކި ކުލައިގެ ބޮޑެތި ޑޯޓްތަކެއް ހިމެނޭ ކެމްޕޭނެކެވެ.

1996 ގައި ނިއު ޔޯކް ފެޝަން ވީކް އިން ކެރިއާ ފެށި ޖިޒެލް އަކީ އެލެކްސެންޑާ މެކްއުއީން، މިސޯނި، ކްލޯއީ، ޑޯލްޗޭ އެންޑް ގަބާނާ، ވެލެންޓީނޯ، ޖިއަން ފްރާންކޯ ފެރޭ، ރަލްފް ލޯރަން، ވަސާޗޭ، މާކް ޖޭކަބްސް، މައިކަލް ކޯސް، ކްރިސްޓިއަން ޑިއޯ ފަދަ ކެމްޕޭންތަކުގައި ޕޯޒްކުރުމުގެ އިތުރުން ވިކްޓޯރިއާ ސީކްރެޓް އޭންޖަލްއެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތްކޮށްފައިވާ މޮޑެލް އެކެވެ.

ޖިޒެލްއަށް މޮޑެލިން އެވޯޑްވެސް ލިބިފައިވާއިރު، ގިނަ ޕްރޮޑަކްޓް އެންޑޯސްމަންޓްވެސް ލިބިފައިވެ އެވެ. ޖިޒެލް ބައެއް ފިލްމު ވެސް ކުޅެފައިވެ އެވެ.

މީގެ އިތުރުން ޖިޒެލް އަކީ ތިމާވެށި ރައްކާތެރިކުރުމަށާއި ފިލެންތްރޮޕީގެ ކަންތައްތަކުގައި ވަރަށް ހަރަކާތްތެރިވާ މީހެކެވެ.

ޖިޒެލްގެ 13 އަހަރުގެ ކައިވެނި ރޫޅިފައިވާއިރު، ދެ ދަރިން ލިބިފައިވެ އެވެ. ކުދިން ލިބުމަށްފަހު ޖިޒެލް ވަނީ މޮޑެލިންގެ މަސައްކަތްތައް މަދުކޮށް، ދަރިންނަށް ވަގުތު ހުސްކޮށްފަ އެވެ.