ކުޅިވަރު

ލިވަޕޫލް އެއްވަރު، ޓޮޓެންހަމް އަނެއް ބުރަށް، ނިއުކާސަލް ކަޓައިފި

އިނގިރޭސި އެފްއޭ ކަޕްގައި ލިވަޕޫލް ރޭ އަމިއްލަ ދަނޑުގައި ވުލްވްސްއާ ވާދަކުރި މެޗު 2-2 އިން އެއްވަރުވިއިރު ޓޮޓެންހަމް އަމިއްލަ ދަނޑުގައި ޕޯޓްސްމޯތު އަތުން 0-1 އިން މޮޅުވެ އަނެއް ބުރަށް ދަތުރު ކޮށްފި އެވެ. މި ދެމެޗުގެ އިތުރުން ރޭ އެންމެ ފާހަގަކޮށްލެވުނީ، ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނިއުކާސަލް ޔުނައިޓެޑް ރަށުން ބޭރުގައި 1-2 އިން ޝެފިލްޑް ވެނިސްޑޭ އަތުން ބަލިވެ އެފްއޭ ކަޕުން ކެޓުމެވެ.

ލިވަޕޫލް މެޗު އެއްވަރުވުމުން އަނެއް ބުރަށް ދާނެ ޓީމެއް ކަށަވަރުވާނީ މި ދެޓީމުގެ މެދުގައި ކުޅޭ ރީޕްލޭ މެޗަށް ފަހު އެވެ. އެ މެޗު ކުޅޭނީ ވުލްވްސްގެ ދަނޑުގަ އެވެ. ރޭގެ މެޗުގެ ފުރަތަމަ ގޯލު 26 ވަނަ މިނެޓުގައި ޖެހީ ވުލްވްސްގެ ގޮންޒާލޯ ގުއެޑޭޝް އެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ފޮނުވާލި ބޯޅައެއް ގުއެޑޭޝް އަށް ލިބުމުން ހުސް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑާވިން ނޫނޭޒް އެވެ. ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނަގައިދިން ހުރަސް ޑާވިން ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ.

ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. ވުލްވްސްގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ލިބުނު ބޯޅަ ސަލާހަށް ލިބުމުން ވަނީ ގޯލުގެ ކަނަށް ވައްދާލާފަ އެވެ. ވުލްވްސް އިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރީ 66 ވަނަ މިނެޓުގައި ހުވާން ހީ-ޗަން ޖަހައިދިން ގޯލުންނެވެ.

މެޗުގައި އެންމެ ފާހަގަކޮށްލެވުނީ 82 ވަނަ މިނެޓުގައި ވުލްވްސްގެ ޓޮޓީ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ވީއޭއާރުން ނިންމުމެވެ. މެޗު ނިމުމުން އެ މައްސަލައިގައި ވުލްވްސްގެ ކޯޗު ހޫލެން ލޮޕެޓެގީ އާއި ކެޕްޓަން ރުބެން ނެވޭސް ވަނީ މެޗު ރެފްރީ އަންޑްރޫ މެޑްލީގެ ރޫމަށް ވެސް ގޮސްފަ އެވެ. މެޗަށް ފަހު ލޮޕެޓެގީ ބުނީ އެ ގޯލު އޮފްސައިޑް ވާނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، ވުލްވްސް އަށް އަނެއް ބުރުގެ ޖާގަ ހައްގު ކަމަށެވެ.

އެފްއޭ ކަޕްގައި ޓޮޓެންހަމް ރޭ އަމިއްލަ ދަނޑުގައި މޮޅުވި މެޗުގެ ހަމައެކަނި ގޯލު 50 ވަނަ މިނެޓުގައި ޖެހީ ހެރީ ކޭން އެވެ.

ޝެފިލްޑް ވެނިސްޑޭ އިން ނިއުކާސަލް ކަޓުވާލި މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބު ކޮށްދިނީ ޖޯޝް ވިންޑަސް އެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ގުއިމަރާސް އެވެ. ޝެފިލްޑް ވެނިސްޑޭ ލީޑުގައި އޮތުމުން ދެވަނަ ހާފުގެ ފަހު 30 މިނެޓަށް ނިއުކާސަލުން ވަނީ އެޓީމުގެ ބެންޗުގައި ތިބި މުހިއްމު ކުޅުންތެރިން ކުޅެން އަރުވައިފަ އެވެ.

އެފްއޭ ކަޕްގައި މިރޭ ވެސް ގިނަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ސިޓީ އާއި ޗެލްސީ ވާދަކުރާ މެޗެވެ. އެ މެޗު ފަށާނީ މިރޭ 9:30 ގަ އެވެ.