ކުޅިވަރު

ސްޕާސް އާއި ލިވަޕޫލް ކުރިއަށް

އުތުރު ލަންޑަން ޑާބީގައި އާސެނަލްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓޮޓެންހަމް ހޮޓްސްޕާސް ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.

އެ މެޗުގެ ފަހުން، ވޯލްވާހެމްޓަން ވޮންޑާސްގެ މައްޗަށް 4-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވެސް ވަނީ ޓޮޓެންހަމްގެ ފަހަތުން ދެ ވަނާގައި ވިއްދާފަ އެވެ. ސްޕާސް އާއި ލިވަޕޫލަށް ވެސް ޕޮއިންޓް ލިބިފައި ވަނީ އެއްވަރަކަށެވެ. ދެ ޓީމަށް ވެސް ލިބިފައި ވަނީ 24 ޕޮއިންޓެވެ. ސްޕާސްއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

އުތުރު ލަންޑަން ޑާބީގައި ޓޮޓެންހަމްއަށް ނަތީޖާ ލިބުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ، ސަން ހިއުންގްމިން އާއި ހެރީ ކޭން އެވެ، ސްޕާސްގެ އެޓޭކުތަކުގައި މިފަހަކަށް އައިސް ކޭން އާއި ސަންގެ ކޮމްބިނޭޝަން ވަރަށް ރަނގަޅަށް ފެނިގެންދެ އެވެ. ސްޕާސްގެ ފުރަތަމަ ގޯލް ސަން ކާމިޔާބު ކުރީ ކޭން ދިން ފުރުސަތަކުންނެވެ. އެ ބޯޅައިގެ ބިލްޑްއަޕްގައި ސްޕާސްގެ ކޯޗް މޮރީނިއޯ ވަނީ ބޯޅައަށް ހުސްވުމަށް ސަން އަށް އިޝާރާތް ކޮށްފަ އެވެ.

ދެ ކުޅުންތެރިން ކޮމްބިނޭޝަން އުފެއްދި ހަމަލާގައި ސަން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ އޭރިއާ ބޭރުގައި ހުރެފައި ގޯލްގެ މަތީ ކަނަށް އަމާޒު ކޮށެވެ. އެ ބޯޅަ ސަލާމަތް ކުރުމުގައި އާސެނަލްގެ ކީޕަރު ބާންޑް ލެނޯއަށް ކުރެވޭނު އެއްވެސް ކަމެއް ނެތެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕާސްގެ ދެވަނަ ލަނޑު ކޭން ކާމިޔާބު ކުރީ ސަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. އޭރިއާ ތެރެއަށް ވަދެ ކޭން ބޯޅަ ފޮނުވާލީ ގޯލްގެ އެތެރެއިން މަޓި ދާގަނަޑަށެވެ.

ވޮލްވްސް އާ ދެކޮޅަށް ކުޅުނު ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މުހައްމަދު ސަލާހް އެވެ. ދެ ވަނަ ހާފުގައި ޖޯޖީނިއޯ ވައިނަލްޑަން ވަނީ ލިވަޕޫލްގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ތިން ވަނަ ލަނޑު ޖޮއެލް މާޓިޕް ކާމިޔާބު ކުރީ ސަލާހް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލްގެ ހަތަރު ވަނަ ލަނޑަކީ ވޯލްވްސްގެ ނެލްސަން ސެމޭޑޯ އަތުން ބައިކޯލަށް ވަން ލަނޑެކެވެ.