ނީލަން ފިހާރަ ސަރަހައްދުގައި ރޯވުން

ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެ

މާލޭގައި ހުންނަ ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު ހެނދުނު 5:43 ހާއިރު އެވެ.

އަލިފާން ރޯވި ތަނުން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު އަލިފާން ނިއްވާ ނުލެވޭ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މިހާދިސާގައި މީހަކަށް ގެއްލުންވި ކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ. އަލިފާން ރޯވި ސަރަހައްދުން ބާރު ގޮވުންތަކެއްގެ އަޑުވެސް އިވުނެވެ.

ނީލަން ފިހާރައިގައި ރޯވި އަލިފާން ފެތުރި އެ ސަރަހައްދުގައި ހުރި މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ އަނދާ ހުލިވެފަ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އިމާދުއްދީން ސްކޫލްގެ ހެނދުނު ދަންފަޅީގެ ކިޔެވުން ވަނީ މެދުކަނޑާލާފަ އެވެ.

މާލޭގެ ދެކުނު ފަރާތުގައި ބާމުދާ ވިއްކާ ގޮޅިތަކުގައި ދޭތެރެދޭތެރެއިން އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އެ ސަރަހައްދުގައި ވިޔަފާރިކުރުމަށް ގިނަ އަދަދަކަށް ބިދޭސީން ހަރަކާތްތެރިވާ ކަން ވެސް ފާހަގަކުރެވެ އެވެ.