ލައިފްސްޓައިލް

ކެންސަރު ޖެހުނު ހަ އަހަރުގެ ކުއްޖަކާއެކު ޑޮކްޓަރެއްގެ ތަޖުރިބާ

ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ހަ އަހަރުގެ ކުޑަ ކުއްޖަކު ޑޮކްޓަރެއް ކައިރީ ދެއްކި ހިތްވަރުގަދަ ވާހަކަތައް އިންޑިއާގެ ހައިދަރުއާބާދުގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކު ކުރި ޓުވީޓެއްގައި ކިޔައިދީފި އެވެ.

ޑޮކްޓަރު ވިދާޅުވި ގޮތުގައި މި ކުއްޖާ ދެއްކި ވާހަކަ އަކީ މި ވަރުގެ ކުޑަ ކުއްޖެއްގެ ފަރާތުން އަޑު އިވޭނެ ކަމަށް އޭނާ އުންމީދުކުރި ކަހަލަ ވާހަކައެއް ނޫނެވެ. މިހާރު ވައިރަލް ވެގެން އުޅޭ މި ވާހަކަ ކިޔާފައި ހަމަ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެކަން ޔަގީނެވެ.

ހައިދަރުއާބާދުގެ އެޕޯލޯ ހޮސްޕިޓަލުގެ ނިއުރޮލޮޖިސްޓް ޑރ. ސުދީރް ކުމާރު ކުރައްވާފައިވާ ޓުވީޓް ސީރީޒްއެއްގައި މިކަން ހިނގައި ދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވާފައި ވެއެވެ. މަނޫ ނަމަކަށް ކިޔާ ހަ އަހަރުގެ ކެންސަރު ބަލި ކުއްޖާ އޭނާގެ މައިންބަފައިން ކައިރީގައި ނުބުނާށޭ ކިޔާފައި ބުނި ވާހަކަ އެވެ.

ޑރ. ސުދީރް އެއް ދުވަހަކު އޯޕީޑީގައި ވަރަށް ބިޒީކޮށް އުޅުއްވަނިކޮށް ވަރަށް ޒުވާން ދެމަފިރިއަކު އައިސް ބައްދަލުކުރި އެވެ. އެމީހުން އެދުނީ ވަރަށް އަޖައިބެއް ކަހަލަ ކަމަކަށެވެ.

"މަނޫ އެބައިން ބޭރުގައި މަޑުކޮށްގެން. މަނޫއަށް ވަނީ ކެންސަރު ޖެހިފައި. އެކަމަކު އެ ވާހަކަ އަހަރެމެން އޭނާ ކައިރީގައި ނުބުނަން. މަނޫއާ ބައްދަލުކޮށް އޭނާއަށް ދޭނެ ފަރުވާއެއް ބުނެދީފާނަންތަ. އެކަމަކު އޭނާގެ ބަލީގެ ވާހަކަ އޭނާ ކައިރި ނުބުނާތި،" މަނޫގެ މަންމަ އާއި ބައްޕަ ޑޮކްޓަރުގެ ކިބައިން އެދުނެވެ.

ޑރ. ސުދީރް ގޮސް މަނޫއާ ބައްދަލުކުރި އެވެ. މަނޫ އިނީ ފުރޮޅުލީ ގޮނޑީގަ އެވެ. މަނޫ ނިއުރޮލޮޖިސްޓަކަށް ދައްކަން ލަފާދިނީ އޭނާގެ ކެންސަރަށް ފަރުވާ ކުރާ އޮންކޮލޮޖިސްޓް (ކެންސަރަށް ފަރުވާ ދޭ ޚާއްސަ ޑޮކްޓަރު) އެވެ.

މަނޫ އަށް މާގިނައިން ފިޓް ޖެހޭތީ އެކަމަށް ކޮންމެވެސް ހައްލެއް ލިބޭތޯ އެވެ. ޑރ. ސުދީރް ވަޑައިގެން މަނޫއާ ބައްދަލުކުރިއިރުވެސް އެ ކުޑަކުއްޖާގެ މޫނުގައި ވަނީ ހިނިތުންވުމެވެ. މަނޫ އަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ ސްމާޓް ކުއްޖެއްކަން ޑރ. ސުދީރް އަށް ފުރަތަމަ ބައްދަލުވުމުން ވެސް އެނގިވަޑައިގަތެވެ.

މަނޫގެ ހުރީ ގްލައަބްލަސްޓޯމާ މަލްޓިފޯމް ގްރޭޑް 4 އެވެ. ކެންސަރު ހުރީ އޭނާގެ ސިކުނޑީގެ ވާތްފަޅީގަ އެވެ. އޭގެ ސަބަބުން އޭނާގެ ކަނާއަތާއި ކަނާއަތް ފައި ވަނީ ވާގިނެތިފަ އެވެ. އޭނާގެ އޮޕަރޭޝަން ވަނީ ކޮށްފަ އެވެ. އަދި ކީމޯތެރަޕީވެސް ދީފައި ވެއެވެ. މަނޫ އަށް ފިޓްޖެހެނީ ސިކުނޑީގައި ކެންސަރު ހުރީމަ އެވެ.

މަނޫގެ މެޑިކަލް ހިސްޓްރީ ބައްލަވައި އޭނާ އަށް ދެއްވާނެ ފަރުވާ އަކާ ގުޅޭ ގޮތުން މަނޫގެ މައިންބަފައިންނަށް ޑޮކްޓަރު އިރުޝާދު ދެއްވި އެވެ. އެހިސާބުން ޑޮކްޓަރާ ވަކިން ބައްދަލުކޮށްލަން މަނޫ އެދުނެވެ.

މައިންބަފައިން ފޮނުވާލާފައި މަނޫ ވަކިން ޑރ. ސުދީރް އާ ބައްދަލުކުރި އެވެ. އަދި ވަރަށް އަސަރުން ފުރިގެންވާ ވާހަކައެއް ބުންޏެވެ. މަނޫ ބުނި ގޮތުގައި މައިންބަފައިން ސިއްރު ކޮށްގެން އުޅުނަސް އޭނާއަށް ކެންސަރު ޖެހިފައިވާ ކަން އޭނާއަށް އެނގެ އެވެ. އަދި ދުނިޔޭގައި ހުންނަނީ ގިނަވެގެން ހައެއްކަ މަސް ދުވަހު ކަން ވެސް އެނގެ އެވެ. މައިންބަފައިން ސިއްރުކުރިޔަސް އޭނާގެ އަތުގައި އޮތް އައިޕެޑުން ގޫގުލް ސާޗް ކޮށްގެން މަނޫ އޭނާގެ ބައްޔަކީ ކޮބައިކަމާއި އެ ބަލީގައި ވާނެގޮތް އޮތީ ރަނގަޅަށް ކިޔާފަ ކަމަށް އޭނާ ޑޮކްޓަރު ކައިރީ ބުންޏެވެ.

"އަހަރެންގެ މައިންބަފައިންނަކަށް ނޭނގޭނެ އަހަރެންނަށް މިކަން އެނގޭކަމެއް. އޭރުން އެމީހުން ވަރަށް ދެރަވާނެ. އެމީހުން ކައިރީގައި ނުބުނާތި،" ޑޮކްޓަރު ކައިރީ މަނޫ ބުނި ކަމަށް ވެއެވެ.

ޑރ. ސުދީރްގެ ޓުވީޓްގައި ލިޔުއްވާފައިވާ ގޮތުގައި އެ ވަގުތު ކުރި އަސަރަކުން އަނގައިން ވެސް ބުނަން ނޭނގިފައި އިރުކޮޅަކު އޭނާއަށް ހުންނެވުނެވެ. ފަހުން ކުޑަކޮށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާފައި މައިންބަފައިންނަށް ނާންގާނެކަމަށް ވައުދުވެފައި ޑޮކްޓަރު އެތަނުން ވަޑައިގަތެވެ.

ނަމަވެސް މަނޫ އަށް ވީ ވައުދު ޑޮކްޓަރަކަށް ނުހިފެހެއްޓުނެވެ. އެއީ އެކަން އޭނާގެ މައިންބަފައިންނަށް އެނގުމުގެ މުހިއްމުކަން ބޮޑުކަމުންނެވެ. ޑޮކްޓަރު މި ވާހަކަ ވިދާޅުވުމުން މަނޫގެ މައިންބަފައިންނަށް ކުރި އަސަރުން ވަރަށް ރުޔެވެ. ނަމަވެސް ހަމަޖެހިލާފައި މަނޫގެ ހަޔާތުގެ ބާކީ އޮތް ދުވަސްކޮޅު އޭނާ ވީހާވެސް އުފަލެއްގައި ގެންގުޅެން އަޒުމު ކަނޑައެޅި އެވެ. އަދި މައިންބަފައިންނަށް އެނގޭކަން މަނޫއަކަށް އެމީހުން ނާންގަ އެވެ.

އޭގެ ނުވަ މަސް ފަހުން މަނޫގެ މައިންބަފައިން އައިސް ޑރ. ސުދީރް އާ ބައްދަލުކުރި އެވެ. އެމީހުން ޑޮކްޓަރު ކައިރީ ބުނި ގޮތުގައި މަނޫ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފި އެވެ. ޑރ. ސުދީރްގެ ބަސް ގަބޫލުކޮށް އެމީހުން މަނޫގެ ހަޔާތުގެ ފަހު ދުވަސްތައް ވަރަށް އުފާވެރިކަމާއެކު ހޭދަކުރި ކަމަށް އެ ދެމަފިރިން ބުންޏެވެ.

ދެމަފިރިން އެ މީހުންގެ ވަޒީފާއިން ޗުއްޓީ ނަގައި މަނޫގެ ހަޔާތުގެ ބާކީ ދުވަސްތައް އޭނާ ބޭނުން ކަންތައްތައް ކޮށްދިނުމުގައި ހުރިހާ ވަގުތެއް މަނޫ އާއެކު ހޭދަކުރިކަމަށް ވެސް އެ ދެމަފިރިން ޑރ. ސުދީރް ކައިރީގައި ބުނި ކަމަށް ވެއެވެ. މަނޫ ޑީޒްނީލޭންޑަށް ދާން އެދުމުން އޭނާ ގޮވައިގެން އެތަނަށް ވެސް ދިޔަ އެވެ.

އެ ދެމަފިރިން އެނބުރި އައީ ޑރ. ސުދީރް އަށް ޝުކުރު އަދާކުރާށެވެ. އެ ދުވަހު ޑރ. ސުދީރް އެގޮތަށް މަނޫގެ ސިއްރު ނުކިޔައިދިން ނަމަ ފަހަރެއްގައި އެ ދެމަފިރިންނަށް އެހާ ރަނގަޅު ވަގުތުތަކެއް މަނޫއާއެކު ހޭދަ ނުކުރެވުނީސް ކަމަށް އެމީހުން ގަބޫލު ކުރެ އެވެ. އެމީހުން ބުނި ގޮތުގައި މަނޫ މަރުވީ ދެމަފިރިން ޑޮކްޓަރަށް ޒިޔާރަތްކުރުމުގެ އެއް މަސް ކުރިންނެވެ. ޑޮކްޓަރުން އުންމީދުކުރި ވަރަށް ވުރެ އިތުރު ދެމަހު މައިންބަފައިންނާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހުގަ އެވެ.