އިންޑިއާގެ ޕޫނޭގައި އުފަންވި ބަރުދަނުގައި އެންމެ 400 ގްރާމް ހުރި ކުއްޖެއްގެ ފުރާނަ ސަލާމަތް ވެއްޖެ އެވެ. މި ކުއްޖާ އުފަންވެފައިވަނީ ބަނޑަށް 24 ހަފުތާ ނުވަތަ ހަ މަހުގަ އެވެ.
މިއީ އިންޑިއާގައި އުފަންވެ ފުރާނަ ސަލާމަތްވީ އެންމެ ތުއްތު ކުއްޖާކަމަށް އެ ގައުމުގެ ޑޮކްޓަރުން ގަބޫލު ކުރެ އެވެ. ޝިވަންޔާގެ ނަމުން ނަން ދީފައިވާ މި ކުއްޖާ މިހާރު ގެޔަށް ދޫކޮށްލާފައިވާއިރު މަޑުމަޑުން ހެދިބޮޑުވުން ވެސް ތަރައްގީވެ ރަނގަޅުވަމުން ގޮސް މިހާރު އާދައިގެ ކުއްޖެއް ފަދައިން ކުއްޖާ ހެދި ބޮޑުވަމުންދާ ކަމަށް މި ޚަބަރުގައިވެ އެވެ.
ޕޫނޭގެ ވައްކަޑް ކިޔާ އަވަށެއްގައި ޝިވަންޔާ އުފަންވީ މިދިޔަ މޭ 21 ވަނަ ދުވަހު އެވެ. އަދި ޑިސްޗާޖްކޮށްފައިވަނީ ހަމަ އެ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހު އެވެ. ބަރާބަރު 94 ދުވަސް އިންޓެންސިވް ކެއާގައި ޝިވަންޔާ ހޭދަކުރި އެވެ.
ގެއަށް ފޮނުވާލިއިރު ޝިވަންޔާގެ ބަރުދަނުގައި 2،2130 ގްރާމް ހުއްޓެވެ. ދުވަސް ނުފުރާ ވިހާ ކުދިންގެ ތެރެއިން މިހާ ލުއި ބަރުދަން ހުންނަ ކުދިންގެ ތެރެއިން ފުރާނަ ސަލާމަތް ކުރެވެނީ 0.5 ޕަސެންޓް ކުދިންގެ އެވެ.
ނޯމަލް ކުދިންގެ ގޮތުގައި ބެލެވެނީ ބަނޑަށް 37-40 ހަފުތާގައި އުފަންވާ ބަރުދަނުގައި 2،500 ގްރާމު ހުންނަ ކުދިންނެވެ. ނަމަވެސް މިހާރު ޝިވަންޔާ އެކޭ އޭނާގެ އުމުރުގެ އެހެން ކުދިންނެކޭ ތަފާތެއް ނެތެވެ. އޭނާގެ އުމުރުގެ ކުދިންގެ ހުންނަން ޖެހޭ ވަރުގެ ސިއްހަތަކާއި ބަރުދަނެއް ތުއްތު ޝިވަންޔާގެ އެބަހުއްޓެވެ.
މިހާރު ޝިވަންޔާގެ ބަރުދަނަކީ 4.5 ކިލޯ ގްރާމެވެ. އަދި އޭނާއަށް ދޭ ކޮންމެ އެއްޗެއް ވެސް އޭނާއަށް ކެވޭ ކަމަށް ޝިވަންޔާގެ ބައްޕަ ބުނެފައި ވެއެވެ.
ޝިވަންޔާ އަށް ސަލާމަތް ސިއްހަތެއް ލިބުމުގެ ސިއްރަކީ އޭނާއަށް ފަރުވާ ދިން ޑޮކްޓަރުންގެ މިންނަތް މަސައްކަތެވެ.
ޕޫނޭގެ ސޫރްޔާ މަދާ އެންޑް ޗައިލްޑް ކެއާ ހޮސްޕިޓަލުގެ ޗީފް ނިއޯނެޓޮލޮޖިސްޓް ޑރ. ސަޗިން ޝާހް ވިދާޅުވީ މި ތުއްތު ކުއްޖާ ބަނޑުގައި އޮތް ދުވަސްތަކާއި ބަރުދަނަށް ބަލާފައި މިއީ މިހާތަނަށް އިންޑިއާގައި އުފަންވެ ދުނިޔޭގައި ހުރުމުގެ ނަސީބު ލިބުނު އެންމެ ބަރުދަން ލުއި ކުއްޖާ އެވެ.
އޭނާ ދުވަސް ނުފުރާ މާއަވަހަށް ވިހަން މެދުވެރިވީ އޭނާގެ މަންމަގެ ހުރި ބޮޑު އައިބެއްގެ ސަބަބުންނެވެ. ޝިވަންޔާގެ މަންމަގެ ހަށިގަނޑުގައި ދެ ރަހިމު ވެއެވެ.