ދުނިޔެ

ބޮލްސޮނާރޯގެ ސަޕޯޓަރުން ރިޔާސީ ގަނޑުވަރަށް ވަދެގެންފި

ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯއަށް ސަޕޯޓްކުރާ އެތައް ހާސް ބަޔަކު ބްރެޒިލްގެ ސްޕްރީމް ކޯޓާއި ގާނޫނު ހަދާ މަޖިލީސް އަދި ވެރިރަށް ބްރާޒީލިއާގައި ހުންނަ ރިޔާސީ ގަނޑުވަރަށް ވަދެގަނެ އޮފިޝަލުންނަށާއި ތަކެއްޗަށް ގެއްލުން ދީފި އެވެ.

މިއީ 2021 ވަނަ އަހަރު އެމެރިކާގެ ރައީސްގެ މަގާމަށް ޖޯ ބައިޑަން ވަޑައިގަތުމާ ގުޅިގެން އިންތިޚާބުން ބަލިވެ ވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ކަހަލަ އަމަލެކެވެ.

މި ހާދިސާއާ ގުޅިގެން ބްރެޒިލްގެ ރައީސް ލޫލާ ވަނީ ރިޔާސީ އަމުރަކުން ފުލުހުންނަށް ބާރުތަކެެއް ދެއްވައި ޖެނުއަރީ 31ގެ ނިޔަލަށް މުޅި ގައުމުގެ ރައްކާތެރިކަން ބެލެހެއްޓުން ހަވާލުކުރައްވާފަ އެވެ.

ލޫލާ ބްރެޒިލްގެ ރައީސްގެ މަގާމަށް ވަޑައިގަތީ ޖެނުއަރީ އެއްވަނަ ދުވަހު އެވެ. އެހެންނަމަވެސް ބާރުތައް ހަވާލުކުރައްވަން ދެކޮޅު ހައްދަވައި ކުރީގެ ރައީސް ބޮލްސޮނާރޯ ވަނީ ގައުމު ދޫކުރައްވައި އެމެރިކާއަށް ވަޑައިގެންފަ އެވެ.

ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި ލޫލާ ރައީސް ކަމަށް ވަޑައިގަތީ އިންތިޚާބު އޮޅުވާލައިގެންނެވެ. އިންތިޚާބު ބެލެހެއްޓި އޮފިޝަލުންނަށް ރިޝްވަތުދެއްވައި މަގާމުގެ ހައިސިއްޔަތު ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވެ.

ބޮލްސޮނާރޯ ވިދާޅުވާ ގޮތުގައި އިނތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާނެ ގޮތެއް ނޯންނާނެ އެވެ.

އާދީއްދަ ދުވަހު ހިންގި ހަމަނުޖެހުންތަކުގައި 400 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބްރެޒިލްގައި އިންތިޚާބާ ގުޅިގެން ހަމަނުޖެހުންތައް އުފެދިފައި އޮތް ދަނޑިވަޅެއްގައި އަމަން ބެލެހެއްޓުމުގެ ގޮތުން ފުލުން ކުރިއާލައި ތައްޔާރުވެފައި ނުވުން ވެސް ވެފައި ވަނީ ސުވާލު ގިނަ މައުލޫއަކަށެވެ. އަދި މަގުތަކަށް އެއްވި ބައިގަނޑުތައް އެހާ ކުއްލި ގޮތަކަށް -- ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅާފައި އޮތް ސަރަހައްދު ތަކަލަށް -- އެހާ ފަސޭހަ ކަމާއެކު ވަދެގަތުން ވެސް ވަނީ ބޮޑު މައްސަލަކަށް ވެފަ އެވެ.

މަސްރަހު ދިރާސާކުރާ މީހުން ބުނާ ގޮތުން އާންމުން އުތުރި އަރައިގެންފާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އަދި ސޯޝަލް މީޑިއާގައި ހަމަނުޖެހުންތަކަށް ގޮވާލައި މީހުން އެއްކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ބާއްވާފަ އެވެ.

ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވި ގޮތުގައި ހަމަނުޖެހުންތަކަށް މަގުފަހިކޮށްދިން މީހުންނަށާއި އަމަލީ ގޮތުން ބައިވެރިވި މީހުންނަށް އަދަބު ދެވޭނެ އެވެ. އަދި ސަރުކާރުގެ މުދަލަށް ގެއްލުންދިން މީހުންނަށް ހަރުކަށި އަދަބުދެވޭނެ އެވެ.

ލޫލާ ވިދާޅުވާ ގޮތުގައި މިއީ ބޮލްސޮނާރޯ ވިދާޅުވެގެން ސަޕޯޓަރުން ކުރި ބަޣާވާތެކެވެ. އެހެންނަމަވެސް ބޮލްސޮނާރޯ ވިދާޅުވަނީ ހަމަނުޖެހުންތަކާ އޭނާއާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.

ބޮލްސޮނާރޯ ވިދާޅުވި ގޮތުގައި ހަރުދާނާ ޑިމޮކްރަސީއެއްގައި އެއްވުންތައް އޮންނާނެ އެވެ. އަދި އާންމުން އުތުރިއަރައި މަގުތަކަށް ނުކުމެ ޝުއޫރު ފާޅުކުރާނެ އެވެ.