މޭޑޭގައި ބޭއްވި ބޮޑު މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވީ އިމްރާންގެ ސަބަބުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ދައުލަތުން ހުށަހެޅި ސިއްރު ހެކިން މިއަދު ކޯޓުގައި ބުނެފި އެވެ.
މޭޑޭގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އިމްރާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިން ބުނީ، ހަމަނުޖެހުންތައް ހިންގީ އިމްރާންގެ ސަބަބުން ކަމަށް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ހަމަނުޖެހުންތައް ހިނގީ އިމްރާންގެ ސަބަބުން ކަމަށް އެ މީހުންނަށް ގަބޫލު ކުރެވޭ ކަމަށް ވެސް ހެކިން ބުންޏެވެ.
އިމްރާންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ، ދައުލަތުން ހުށަހަޅާފައިވާ އިމްރާން ސިއްރުން ސޮބާހު ރަޝީދު ކައިރީ ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ އިތުރަށް އެނަލައިޒްކުރުމަށް އަންގާފަ އެވެ. ގާޒީ ވިދާޅުވީ، އެއީ ސީދާ އިމްރާންގެ އަޑުކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.
އިމްރާންގެ މައްސަލާގައި އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހެޅި ވީޑިއޯތަކަކީ މޭޑޭގައި ނެގި ވީޑިއޯތަކެއްކަން ސާބިތުކޮށްދިނުމަށް ވެސް އަންގާފައިވެ އެވެ. އެއީ ޕޮލިހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއަކާއި ޕިކަޕެއް ފުލުހުންގެ ސަފުތައް ފަޅާލާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. ދައުލަތުގެ ވަކީލާ މިއަދު ވިދާޅުވެފައިވަނީ، އެކަން ސާބިތުކޮށްދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ބާރީ ވިދާޅުވީ މައްސަލައާ ގުޅިގެން ޝަރީއަތުގެ ބޭނުމަށް ދެން އޮންނަ ޝަރީއަތެއްގައި މީހަކު ހާޒިރު ކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކާކުކަން ގާޒީ ބާރީ ވިދާޅެއް ނުވެ އެވެ. ގާޒީ ވިދާޅުވީ ޝަރީއަތުގެ ފަރާތުން ހާޒިރުކުރާ މީހާއާ ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށާއި އިމްރާންގެ ވަކީލުންނަށް ލިބޭނެ ކަމަށެވެ.
އިމްރާންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ގާނޫނު ނަންބަރު 10/90 ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދެ ވަނަ މާއްދާގެ (ކ)ގެ ދަށުން އުފުލާފައިވާ ދައުވާއެކެވެ.
މީގެ ކުރިން ވެސް އިމްރާންގެ މައްސަލައިގައި ދެ އަޑުއެހުމެއް ވަނީ ބާއްވައިފަ އެވެ.